ޚަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާ ނުބޭއްވުމުން އެމްޑީޕީ މެންބަރުން މަޖިލީހުގައި އިހުތިޖާޖުކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު މަޖިލީހުގެ މިއަދުގެ އެޖެންޑާކޮށްފައި ވަނިކޮށް ޖަލްސާ ކެންސަލް ކުރި މައްސަލައިގައި އެމްޑީޕީ މެންބަރުން މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އިހުތިޖާޖު ކޮށްފިއެވެ.

މަޖިލީހުގެ މިއަދު އެޖެންޑާގައި ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ހިމަނާފައިވިޔަސް، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުރުމުން އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.

ނަމަވެސް އެމްޑީޕީ ޕީޖީ ގްރޫޕުން ބައެއް މެންބަރުން ވިދާޅުވާ ގޮތުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައި ވަނީ އެފަދަ ހާލަތަކަށް ގާނޫނީ ފަރުވާއެއް ހޯދިފައި އެބަ އޮތެވެ. އެގޮތުން އެހެން މެމްބަރަކަށް ރިޔާސަތާ ހަވާލުވެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އީވާ ސަލާމް ފޮނުއްވާފައިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ އިއުލާން ކުރެއްވުމުން އެމްޑީޕީގެ މެންބަރުން ވަނީ އިދާރީ މޭޒު ކައިރިއަށް އެއްވެ، އަޑު އުފުލައިފައެވެ. އެގޮތުން އަމީން އާއްމު މަސައްކަތް ކުރައްވަނީ ގާނޫނާ ހިލާފަށް ކަމަށާއި ބޭނުންވަނީ މަގާމު ދިފާއު ކުރައްވަން ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

އެ އިހުތިޖާޖުގެ ތެރެއިން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވަނީ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ކޮމްޕިއުޓަރަށް ގެއްލުންދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގެ ސަބަބުން ފިލްޒާގެ ފޯނުވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

މިއަދުގެ ޖަލްސާ ނުބޭއްވުމުން، ޖަލްސާ ބޭއްވޭނެ މަގެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ދާން ވަނީ ނިންމައިފައެވެ.