އާސަންދައިގެ ތެރެއަށް އިންތިހާއަށް ކޮރަޕްޝަން ވަދެފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ބަނޑޮހުގައި މިއަދު ފެށި، ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ އިއްޒަތްތެރިންގެ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުން ރައީސް ސޯލިހު ވިދަޅުވީ ރަށްރަށުގެ ސިއްހީ ހާލަތު ހުރި ގޮތުން ފެނަޑޯލް ގުޅައެއް ނުވަތަ އައިވީ ފުޅިއެއް ލިބެނީ އެތައް ތަނަކަށް ލިޔެގެން އެތައް މަރުހަލާއެއް ހުރަސްކޮށްގެން ކަމަށެވެ. އަދި އެކަން ފުރިހަމަ ވަނީ އެތައް ދުވަހެއް ފަހުން ކަމަށް ވާއިރު މިއިން ކޮންމެ މަރުހަލާއެއްގައި ކޮރަޕްޝަން ހުރިކަމުގެ ހެކި ފެންނަން ހުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދައުލަތުން ހިލޭ ބޭސްފަރުވާގެ އެހީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހިންގާ އާސަންދައިގެ ތެރޭ ވެސް ކޮރަޕްޝަނުގެ މައްސަލަ އިންތިހާއަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ކޮރަޕްޝަނުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާ އިސްރާފުވެގެން ދާ ކަމަށާއި މިކަމަކީވެސް ސަމިޓުގައި މަޝްވަރާ ކުރެވި ހައްލު ހޯދެން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަންކަން ހުއްޓުވޭނީ ރައްޔިތުންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށާއި އެގޮތުން ސަރުކާރުން ސިއްހީ ކަންކަމަށް ތައާރަފު ކޮށްފައިވާ އެކި ސްކީމްތައް ބޭނުން ކުރުމުގައި ޒިންމާދާރު ވުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.