މަގުމަތީގެ އެކްސިޑެންޓް

ސިނަމާލޭ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލޭ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ ސިނަމާލޭ ބުރިޖުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލެއް ޖެހިގެންނެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނީ ބުރިޖު މަތިން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއްވެ، ތިން މީހަކަށް އަނިޔާވެގެން މިރޭ 8:30 ހާއިރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށާއި، 25 އަހަރުގެ އަންހެނެއް އަދި 31 އަހަރުގެ ފިރިހެނަކަށެވެ. އެ ތިން މީހުން ވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

މިމަހުގެ އަށްވަނަ ދުވަހު ވެސް ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފައެވެ. މާލެއިން ހުޅުމާލެއަށް ދުއްވަމުންދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓާލައިގެން ހިނގި އެ އެކްސިޑެންޓުގައި 50 އަހަރުގެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ.