ޚަބަރު

މީސްތަކުންނާއެކު ސުލްހަވެގެން އުޅެން ނޭނގޭ މީހަކީ ހެވާއި ލާބައިން މަހުރޫމު ވެފައިވާ މީހެއް: ހުތުބާ

މީސްތަކުންގެ ލޯބިން މަހުރޫމުވެފައިވާ މީހަކީ އަދި މީސްތަކުންނާއެކު ސުލްހަ މަސަލަސްކަން މަތީގައި ދިރިއުޅެން ނޭނގޭ މީހަކީ ހެވާއި ލާބައިން މަހުރޫމް ވެފައިވާ މީހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މުއާމަލާތް ކުރުމުގެ އަހުލާގު" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުސްލިމުންނަކީ ހިތްތިރި، މުއާމަލާތު ކުރުން ރިވެތި، މީސްތަކުންނަށް އެ މީހުންގެ ކަންތައްތައް ލުއިކޮށްދޭ، ސާދާ ބައެއް ކަމަށާއި އެ މީހުންނަކީ މީސްތަކުންނާ ގުޅިގެން އުޅެ، މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކުދެކެ ލޯބިވާ ބައެއް ކަމަށެވެ.

އަދި މީސްތަކުންނާއެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ، މީސްތަކުންނަށް ހެޔޮ ފޯރުކޮށްދީ، އެ މީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވެ، އެ މީހުންގެ އައިބުތައް ވަންހަނާކޮށް، އެ މީހުންގެ ކުށް ހޯދައި، އެ މީހުން ބޭޒާރުކޮށްގެން ނުވާނެ ކަމަށާއި އެ މީހުންނަށް ފުރައްސާރަކޮށް، މުއާމަލާތް ކޮށްގެން ނުވާނެ ކަމަށާއި އެ މީހުންގެ އަބުރަށް އަރައިގަނެގެންވެސް ނުވާނެ ކަމަށް ބުންޏެވެ.

ބަސްމަގަކީ ވާހަކަދެއްކުމުގެ ތެރެއިން ދަސްވާ އެއްޗެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އާއިލާ ތެރޭގައި ހުތުބަހުން ވާހަކަ ދައްކާ ނަމަ ދަރިންނަށް ދަސްވާނީ އެބަހުރުވަ ކަމަށެވެ. އަދި ބަސްމޮށުމުގައި ހުތުރު ބަސްތަކާ ދުރުހެލިވެ، ނެތިމޮށުމާއި އާޑަ ފުރައްސާރަ ކުރުމާއި މަލާމާތް ކުރުންފަދަ ދުލުގެ އާފާތްތަކާއި އަރާރުން ވުމާ ދުރުހެލިވާންވާނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، އަހަރެމެންގެ ބިނާ ހަރުދަނާ ކުރެވޭނީ ލޯތްބާއި ކުލުނުން އެއްބަޔަކު އަނެއް ބަޔަކާއެކު މުއާމަލާތު ކޮށްގެން ކަމަށާއި މާތް ﷲ އަށް ކިޔަމަން ގަތުމުގެ އަސާސުގެ މަތީގައި ރައްޔިތުންނާއި ހާކިމާއާ ދެމެދުގައިވާ ގުޅުން ބަދަހިކޮށްގެން ކަމަށެވެ. އެގޮތުން ހާކިމާ ރައްޔިތުންގެ ހައްގުތައް އަދާކޮށްދިނުމަށްޓަކައި ހޭލައި ހުންނަންޖެހޭ އިރު، ރައްޔިތުން ހާކިމާއަށް ކިޔަމަން ގަތުމުގައި ދެމިތިބެންވާނެ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އަހަރެމެންނަށް ލޯތްބާއި ކުލުނާއި އަޅައިލުން ލިބޭނީ އެންމެންގެ ހިތް ސާފު ވެގެން ކަމަށާއި ކޮންމެ މީހަކުވެސް އަނެކާއާ މެދު ހިތްހެޔޮ ކޮށް، ޝައްކުތަކާއި ވަހުމްތަކާ ދުރުވެގެން ކަމަށެވެ. އަދި މުސްލިމުން އެކަކު އަނެކަކާ މުއާމަލާތު ކުރަން ޖެހޭނީ އިންސާފުވެރިކަމާ އެކުގައި ކަމަށް ބުންޏެވެ.

އިސްލާމް ދީން ގޮވައިލާ މަތިވެރި އަގުތަކުގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތް ކުރާއިރު އެ މީހުންގެ ރައުޔަށާއި ހިޔާލަށް އިހުތިރާމް ކުރަން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، އިސްލާމީ ޝަރީއަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.

އެގޮތުން އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް، މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ވިޔަސް މެނޭޖަރެއް ކަމުގައި ވިޔަސް، އޭނާގެ ދަށުގައި މަސައްކަތްކުރާ މީހުންގެ ހިޔާލަށާއި ރައުޔަށް އިހުތިރާމް ކުރާން ޖެހޭނެ ކަމަށާއި ތަނެއް ކުރިއަރާނީ އެ ތަނެއްގެ އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން، ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ބުންޏެވެ.