ޔޫއެފާ ޔޫރޮޕާ ލީގު

ލުކާކޫގެ ރަނގަޅު ފޯމާއެކު ރޯމާއަށް މޮޅެއް، ވިލާވެސް ބޮޑު މޮޅެއް ހޯދައި ކުރިއަށް

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ރޯމާއިން ކުޅުނު މެޗުގައި ސްލާވިއާ ޕްރާގު ކައިރިން މޮޅުވި އިރު، އެސްޓޮން ވިލާއިން ރަށުން ބޭރުގައި އޭޒެޑް އެލްކްމާރު ބަލިކޮށްފިއެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް ޖީގައި ރޭ ރޯމާއިން އަމިއްލަ ދަނޑުގައި ސްލާވިއާ ޕްރާގު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވުމާއެކު ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ރޯމާއިން މޮޅުވެ، ނުވަ ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ ސްލާވިއާ ޕްރާގެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ތިންވަނައިގައި ސާވެޓް އޮތް އިރު، ހަތަރު ވަނައިގައި އޮތީ އެފްސީ ޝެރިފެވެ.

ރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި ރޯމާއިން ލީޑު ނެގީ ސްޓެފަން އެލް ޝަރާވީގެ ޕާހަކުން އެޑޮއާޑޯ ބޯވްއެވެ. އޭނާ ގޯލު ޖެހީ ބޯޅަ ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. ދެވަނަ ގޯލު މެޗުގެ 17 ވަނަ މިނެޓުގައި ފެނިގެން ދިޔައީވެސް އެލް ޝަރާވީގެ ޕާހަކުންނެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. ލުކާކޫ ޔޫރޮޕާ ލީގުގައި އެންމެފަހުން ކުޅުނު 14 މެޗުގައިވެސް ގޯލު ޖަހާފައިވެއެވެ.

ރޭ ގްރޫޕް އީގައި އެލްކްމާރު، އަމިއްލަ ދަނޑުގައި އެސްޓޮން ވިލާ އަތުން ބަލިވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ވިލާއިން ފުރަތަމަ ހާފުގައި ލެއޮން ބައިލޭއާއި ޔޫރީ ތީލަމަންސްގެ ގޯލުތަކުން އެޓީމުން ލީޑު ނެގި އިރު، ދެވަނަ ހާފުގައި އޮލޭ ވޮޓްކިންސްއާއި ޖޯން މެގިން ޖެހި ގޯލުތަކުން އެޓީމުން މޮޅު ޔަގީންކުރިއެވެ.

މެޗުގައި އަލްކްމާރުގެ ގޯލު ޖެހީ އިބްރާހީމް ސާދިގެވެ.