ޔޫއެފާ ޔޫރޮޕާ ލީގު

ލިވަޕޫލަށް ބޮޑު މޮޅެއް، ބްރައިޓަންއިން އަޔެކްސް ބަލިކޮށްފި

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުން ބޮޑުމޮޅެއް ހޯދި އިރު، ޕްރިމިއާ ލީގުގެ ބްރައިޓަންއިން ނެދަލޭންޑްސްގެ އަޔެކްސް ބަލިކޮށްފިއެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ޓޮލޫސް ކައިރިން މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި ލިވަޕޫލް އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ދެވަނައިގައި ޔޫނިއަން ސެއިންޓް ގިލިއޮސް އޮތް އިރު، ޓޮލޫސް އޮތީ ތިންވަނައިގައެވެ. ގްރޫޕް ފުލުގައި އޮތީ ލަސްކެވެ.

ލިވަޕޫލުން ރޭ ކުޅުނު މެޗަށް ބަދަލުތަކަކާއެކު ނުކުތް އިރު، މުހައްމަދު ސަލާހާއި ވާޖިލް ވެންޑައިކް، އެލެކްސިސް މެކް އަލިސްޓާ، ކޯޑީ ގަކްޕޯ، ޑޮމިނިކް ޒޮބޮސްލާއީ އަދި ކީޕަރު އެލިސަން ބެކާވެސް ފެށީ ބެންޗުންނެވެ. ސަލާހާއި ގަކްޕޯ ބެންޗުން ކުޅެން ނުކުތް އިރު، ސަލާހް ވަނީ މުހިއްމު ގޯލެއްވެސް ޖަހައިފައެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޑިއޭގޯ ޖޮޓާއާއި ވަޓަރު އެންޑޯ އަދި ޑާވިން ނުނޭޒްގެ ގޯލުތައް ފެނިފައިވާ އިރު، ޓޮލޫސްގެ ތިސް ޑަލިންގާ އެޓީމަށްވެސް ގޯލު ޖަހައިދީފައިވެއެވެ. ދެވަނަ ހާފަށް ނުކުމެ، ރަޔަން ގްރަވެންބާޗު އަދި ސަލާހް ގޯލުތައް ޖެހި އިރު، ސަލާހް ރޭގެ މެޗުގައި ޖެހި ގޯލަކީ އޭނާ ޔޫރަޕްގެ މުބާރާތްތަކުގައި ޖެހި 43 ވަނަ ގޯލެވެ. އެއީ ރެކޯޑެކެވެ. މީގެ ކުރިން ޕްރިމިއާ ލީގު ކުޅުންތެރިޔަކަށް ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖަހާފައި އޮތީ ތިއަރީ އޮންރީއެވެ.

ބްރައިޓަންއިން ރޭ އަމިއްލަ ދަނޑުގައި 2-0 އިން އަޔެކްސް ބަލިކުރި އިރު، އެއީ ކްލަބުގެ ތާރީހުގައި ޔޫރަޕްގެ މަތީ ފަންތީގެ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ.

ގްރޫޕް ބީގައި ބްރައިޓަންއިން ރޭ ހޯދި މޮޅާއެކު އެޓީމު ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ އެއްވަނައިގައި މާސޭ އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު އޮތީ އޭއީކޭ އެތެންސެވެ. ފުލުގައި އޮތީ ދެ ޕޮއިންޓާއެކު އަޔެކްސްއެވެ.

އަޔެކްސްގެ ސީޒަން ދަށްކޮށް މިހާތަނަށް ގޮސްފައިވާ އިރު، ރޭ ބްރައިޓަންގެ ގޯލުތައް ޖަހައިދިނީ މި ސީޒަނަށް ބާސެލޯނާއިން ގެންދިޔަ އަންސޫ ފަޓީއާއި ޖާއޯ ޕެޑްރޯއެވެ.