އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު 3،500 މީހުންނަށް ފޮނުވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރައްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ.
އެ ރަސްމިއްޔާތުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން ވަމުން އަންނައިރު، ޑައިރެކްޓަރު އޮފް މީޑިއާ ހަސަން ޒިޔާއު މިއަދު "ވަން" އަށް ވިދާޅުވީ، އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު 3،500 ވަރަކަށް މީހުންނަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގައުމުތަކުގެ ވެރިންނާއި ގައުމުތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާނެއެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އަވައްޓެރި ހުރިހާ ގައުމެއްގެ ވެރިންނަށް ދައުވަތު ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން އިންތިގާލީ އޮފީހުގެ އެދިވަޑައިގަތުމަކަށް އެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ފޮނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ދައުވަތު ފޮނުވި ކަމެއް އަދި އެ ދައުވަތު ގަބޫލުކުރެއްވި ކަމެއް އަދި މަޖިލީހުން ހާމައެއް ނުކުރެއެވެ.