އަހްމަދު ނިހާން ހުސައިން މަނިކު

ރެޑްނޯޓިސް ނަގާފައިވަނީ ސަރުކާރު ބޭނުން ގޮތަކަށް ބަޔަކު ހައްޔަރު ކުރަން ކަމަށް ނިހާން ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

6

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ފިލައިގެން އުޅޭތީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ނަން ނަގާފައި ވަނީ ސަރުކާރުން ބޭނުން ގޮތަކަށް ބަޔަކު ހައްޔަރު ކުރުމަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ނަން ނެގުމުން ކުރެއްވި ޓުވީޓެއްގައެވެ. ނިހާން ވަނީ މި ހަތަރު މީހުންގެ ނަން އިންޓަޕޯލުން ނަގާފައިވަނީ ސަރުކާރުން ބޭނުން ބަޔަކު ހައްޔަރު ކުރުމަށް ބޭނުންވާ ހެކިބަސް ހޯދުމަށް ކަމަށް ތުހުމަތު ކޮށްފައެވެ.

އިންޓަޕޯލުން އެޗްޑީސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލް އަހުމަދާއި، މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ހޯދުމަށް ރެޑް ނޯޓިސް ނެރެފައި ވަނީ 2015ގެ ފަހު ކޮޅުއެވެ.

މީގެ ތެރެއިން އަސީލް ހޯދުމަށް ރެޑްނޯޓިސް ނެރެފައިވަނީ ކޮރަޕްޝަންގެ ތުހުމަތުގައެވެ. އަދި އިޝްފާހު ހޯދުމަށް ރެޑްނޯޓިސް ނެރެފައިވަނީ މުދަލަށް ގެއްލުންދޭނެ ކަމުގެ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމާއި ހަތިޔާރުވިއްކާ ތަންތަނާއި ގުޅުމެއްވާކަމުގެ ތުހުމަތާއި ޓެރަރިޒަމްގެ ތުހުމަތުގައެވެ.

މިކަމާ ގުޅިގެން ފުލުހުން އިއްޔެ މައުލޫމާތު ދިން ގޮތުގައި މި ހަތަރު މީހުން ހޯދަން ރެޑް ނޯޓިސް ނެރުނީ އެފަރާތްތައް ތަހުގީގަށް ހާޒިރު ނުކުރެވިގެންނެވެ. ނަމަވެސް މިހާރު އެފަރާތްތަކަށް ޕޮލިހަށް އެކްސެސްވެވި ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އިތުރަށް ރެޑްނޯޓިސް ދަމަހައްޓަން ޖެހޭތަނެއް ނެތުމުން ރެޑް ނޯޓިސް ނެގީކަމަށް ފުލުހުން ބުންޏެވެ.

ދެހާސް ފަނަރަ ވަނަ އަހަރު މި ހަތަރު މީހުންގެ މައްޗަށް ރެޑްނޯޓިސް ނެރުނީ އެ ހަތަރު މީހުންވެސް ރާއްޖެއިން ބޭރުގައި ތިއްބައެވެ. އޭގެފަހުން އެމީހުންނަށްވަނީ ޔުކޭއިން ހިމާޔަތްދީފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟