ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަޑުގަދަކޮށް، އެއާޕޯޓަށް ކުޅު ޖެހުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެން މީހާ، މާފަންނު ޕޮލިސް ސްޓޭޝަނުގައި ދިރިއުޅެން ފަށައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު އިމިގްރޭޝަނާ ހަވާލުކުރިއެވެ. އޭގެފަހުން އިމިގްރޭޝަނުން ވަނީ ކޮންމެ ދުވަހެއްގެވެސް ވަކި ވަގުތެއްގައި އެ ސާވިސްއަށް ހާޒިރުވުމަށް އަންގައި، ސަވެއިލެންސްގެ ދަށުން އޭނާ ދޫކޮށްލައިފައެވެ.
ނަމަވެސް މިހާރު އޭނާ މާފަންނު ޕޮލިސް ސްޓޭޝަނުގައި ދިރިއުޅެމުންދާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެމީހާ ޕޮލިސް ސްޓޭޝަނުގައި އުޅޭތީ ތަކުރާރުކޮށް ނަސޭނަތްތެރިވެފައިވާ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އެދިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިސަރު މިފްތާހް މުހައްމަދު ވިދާޅުވީ އޭނާ ޕޮލިސް ސްޓޭޝަނުގައި އުޅެމުންދާ ކަމުގެ މައުލޫމާތެއް އެ އިދާރާއަށް ލިބިފައިނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާއަކީ ވިސާގެ މައްސަލައެއް ޖެހިގެން ނުފުރުނު ފަތުރުވެރިއެކެވެ. ފަހުން ޗައިނާ އެމްބަސީން ޓިކެޓް ހަމަޖައްސައި ފުރުމުގެ އިންތިޒާމްތައްވެސް ހަމަޖައްސައިދިނުމުންވެސް އޭނާ ފުރަން ދެކޮޅު ހެދިއެވެ. އަދި އޭގެ ފަހުން ދިރިއުޅެމުންދިޔައީ ވީއައިއޭގައެވެ.