ދެ ޤައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެގޮތުން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އައްޔަން ކުރެއްވީ ހެންވޭރު އަމީނީގެ ޑޮކްޓަރު ފަރަހްނާޒް ފައިސަލެވެ. އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށާއި، އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، އައްޔަން ކުރައްވާފަވަނީ މާފަންނު ނޫހިރި ތިލްމީޛާ ޙުސައިނެވެ. މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޑޮކްޓަރ ފަރަޙްނާޒް ފައިސަލަކީ މީގެ ކުރިން، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޑޮކްޓަރ ފަރަޙްނާޒް ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވަނީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިންނެވެ.
ތިލްމީޛާ ޙުސައިން މިހާތަނަށް ހުންނެވީ، ނިއުޖަރސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމުގައާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވަރކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރ ގެ މަގާމުގައެވެ. ތިލްމީޛާ ޙުސައިން މީގެ ކުރިން ވަނީ، ޕަރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕަރމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ. ތިލްމީޛާއަކީ އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ތިލްމީޛާ ވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.