ފަލަސްތީނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓް އިން ހުޅުވި އިމާޖެންސީ ފަންޑުގެ މުއްދަތު އިތުރުކޮށްފިއެވެ.
ދިވެހި ރެޑްކްރެސެންންޓް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަލަސްތީނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓް އިން ހުޅުވާފައިވާ އިމަޖެންސީ ފަންޑުގެ މުއްދަތު އަންނަ މަހުގެ 12 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން ފަންޑު ހުޅުވާލާފައިވަނީ މިމަހުގެ 14 އިން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މިގޮތަށް ނިންމާފައިވަނީ މިހާރު އެ ސަރަހައްދުގެ ހާލަތު ބަދަލުވަމުންދާ ގޮތުންނާއި އެކިފަރާތްތަކުގެ އެދުމުގެ މަތިން ކަމަށްވެސް ރެޑްކްރެސެންޓްގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާނުގަ އިތުރަށް ބުނެފައިވަނީ، މި ހަމަލާތަކުގެ ސަބަބުން އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ރާއްޖޭގެ ރެޑްކްރެސެންޓްގައި އެދިފައިވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ފަންޑަށް ޖަމާވާ ފައިސާ، ފަލަސްތީނުގެ ރެޑްކްރެސެންޓަށް އެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް މި ބަޔާނުގައިވެއެވެ.
މި ފަންޑުން ލިބޭ ފައިސާ ބޭނުންކުރަން ހަމަޖެހިފައި ވަނީ، ފަލަސްތީނު ހަނގުރާމައިގައި އަނިޔާވެ ޒަހަމްވެފައިވާ ފަރާތްތަކަށް، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ސާމާނު، އުނޅަދުތަކަށް ބެނުންވާ ސާމާނު، އުޅަނދުތަކަށް ބޭނުންވާ ތެޔޮ، ކާބޯތަކެތި، ސާފުބޮފެން އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެހީތެރިކަން ދިނުމަށް ކަމަށް ބަޔާނުގައިވެއެވެ.
ފަލަސްތީނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓް އިން ހުޅުވި ފަންޑަށް އެހީގެ ގޮތުގައި މިހާތަނަށް 1.6 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އެޖަމިއްޔާއިން ބުންޏެވެ.