ޚަބަރު

ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލޭ ސަރަހައްހަދަށް ތައާރަފުކޮށްފި

މުހައްމަދު އިޝާން

ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލޭ ސަރަހައްހަދަށް ތައާރަފުކޮށްފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ޖަލްސާއެއްގައި މާލޭ ސަރަހައްދަށް ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނައިރު، އެ ހޯދުމަށް ދިނުމަށް ކޯލް ސެންޓަރެއް ގާއިމުކޮށް، ހޮޓްލައިން ނަމްބަރެއް ވަނީ ކަނޑައަޅައިފައެވެ. ގައުމީ އެމްބިއުލާންސްގެ ހޮޓްލައިން ނަމްބަރަކީ 100 އެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މި ހިދުމަތަކީ ވީހާވެސް އަވަހަކަށް މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓްތަކަށް އެޓެންޑްވެ، އަނިޔާ ލިބިފައިވާ މީހާ ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދިނުން ބޭނުމުގައި ތައާރަފު ކުރި ހިދުމަތެކެވެ.

މިނިސްޓްރީން ބުނީ، ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ގައުމީ އެމްބިއުލާންސް ހިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ. އެ މަސައްކަތުގައި މާލޭ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުން ބައިވެރިވާނެ ކަމަށްވެސް ބުންޏެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ބަހާލައިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ފުޅާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.