ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން، އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި، ތްރީލައިން ވިޕް ނެރެން ފާސްކޮށްފައި ވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރަކު ވިދާޅުވީ، ދެން މަޖިލީހުގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށްވެސް ފާސްކޮށްފައިވާ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލު ކުރަން ނިންމައިފައެވެ.
އެ މައްސަލައިގައި ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 30 މިނެޓުގެ ފުރުސަތެއް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީން ހުށަހަޅާފައިވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކުގައެވެ. މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސްކުރާނެ ވަގުތާއި އިތުބާރު ނެތްކަމުގެ މައްސަލަ ރައްދުވާ ފަރާތް ޖަވާބުދާރީވާން ދޭންޖެހޭ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ.
އެ ކޮމިޓީން ނިންމާފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސާއެކު އެ މައްސަލައިގެ ޖުމުލަ ވަގުތަކީ ދެ ގަޑިއިރު ކަމަށް ކަނޑައަޅައި، ޖާވާބުދާރީވެ ވަޑައިގެންނެވުމަށް، އޭގެ ތެރެއިން ޖުމުލަ 30 މިނެޓުގެ ފުރުސަތެއް މަޖިލިސް ރައީސްއަށް ދެއްވުމަށެވެ.