އިބްރާހިމް ޒަކީ
ޔޫޓާނެއް ނަންގަވައި އަލުން ޕީޕީއެމާ ހަވާލުވެ ވަޑައިގެންނެވުމުގެ ވިސްނުންފުޅެއް، ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް މައުމޫނު އަބުދުލް ގައްޔޫމު ނުގެންގުޅުއްވާކަމަށް، ރައީސް މައުމޫނު އިސްކޮށް ހުންނަވައި އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އާ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.
ވީޓީވީ ފަސް މަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން، އެމްއާރުއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ، އަދި ރައީސް މައުމޫނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ އަބްދުލް އަލީމު ވިދާޅުވީ، ރައީސް މައުމޫނު ޕީޕީއެމް އުފެއްދެވި އަސްލު މަގުސަދު ގެއްލި، ޕީޕީއެމްގެ ނަމަކީ ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަމާއި ގުޅިފައިވާ ނަމެއް ކަމަށް ރައްޔިތުން މިހާރު ގަބޫލު ކުރަން ފަށައިފިކަމަށެވެ. އަދި އެތައް މަރުތަކެއްވެސް ޕީޕީއެމްގެ ބޮލުގައި އެޅިފައިވާ ކަމަށާއި އެ ހުރިހާ ކަމެއް ބޮލުުގައި އެޅިފައިވާ ޕާޓީއަކަށް ގޮސްފިނަމަ އެބައެއްގެ ނަންވެސް ކިލަނބުވެ ހަޑިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑެއްވެސް، އަދި ރައީސް އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމެއްވެސް، އަދި އެމްއާރުއެމްގެ ލީޑާޝިޕްގައި މިހާރު ތިއްބެވި ބޭފުޅުންގެވެސް ވިންނުންފުޅެއް ނެތް އެގޮތަށް އެކަންކުރާކަށް،" އަލީމު ވިދާޅުވިއެވެ.
ރައީސް މައުމޫނު ޕީޕީއެމްގައި ހުއްނެވިއިރު އެ ޕާޓީގެ އެސްޖީއެއްގެ ގޮތުގައި ހުންނެވި އަލީމް ވިދާޅުވީ، އެބޭފުޅުންގެ ވިސްނުން ހުރީ މިހާރު ކުރާ މަސައްކަތް ކުރިއަށް ގެންގޮސް އެމްއާރުއެމް ރެޖިސްޓްރީކޮށް ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް އެ ޕާޓީ ކުރިއަށް ގެންގޮސް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތްތަކެއް ދިނުމަށް ކަމަށެވެ.
ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއާރުއެމްގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އައިމިނަތު ނާދިރާ ވިދާޅުވީ، ހަތަރު ހާސް މެންބަރުން ހަމަކޮށް ވަރަށް އަވަހަށް އެމްއާރުއެމް އުފެއްދުމަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރައީސް މައުމޫނު ޕީޕީއެމް ރިފޯމް ކުރައްވަން ޖެހޭކަމަށް އޭރު ވިދާޅުވުމުން އެމަނިކުފާނު ޕާޓީން ބޭރުކުރި ނަމަވެސް، މައުމޫނު އެ ޕާޓީން ބޭރުކުރި މީހުން، ޕާޓީ ރިފޯމް ކުރަން ޖެހޭކަމަށް މިހާރު ގޮވަމުންދާ މަންޒަރު މިހާރު ފެންނަމުންދާާ ކަމަށްވެސް ނާދިރާ ވިދާޅުވިއެވެ.