ރޮއިރޮއި އޮތް، އުމުރުން އެންމެ ހަ ދުވަހުގެ ކުއްޖަކު ގޮވައިގެން ޓެކްސީއަކަށް އެރުމުން ޓެކްސީން ބޭލުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެރޭ ، އޭޑީކޭ ހޮސްޕިޓަލު ކުރިމަތީ ސޯސަން މަގުގަ އެވެ.
މި ހާދިސާގައި ކާރުން ބާލާފައި ވަނީ، އެމްޑީޕީގެ މަޖިލިސް ސްޕޯކްސް ޕާސަން، އަފްޝަން ލަތީފުގެ އުމުރުން ހަ ދުވަހުގެ ދަރިފުޅާއި ފިރިމީހާ އެވެ.
އަފްޝަން އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި، އޭނާގެ ދަރިފުޅު ގޮވައިގެން، ފިރިމީހާ އާއި އަފްޝަންގެ ބައްޕަ އޭޑީކޭއަށް ދިޔައީ އިއްޔެރޭ 8:30އެހާ އިރު އެވެ.
"ޑޮކްޓަރަށް ދައްކައި ނިމިގެން ޓެކްސީއެއް ލިބޭތޯ ވަރަށް ގިނަ އިރު މަގުމަތީގައި ތިބެތިބެ ވެސް ޓެކްސީއެއް ލިބޭގޮތެއް ނުވި. އެހެން ތިއްބާ މަގުން ދިޔަ ޓެކްސީއެއްގެ ކުރީ ސީޓުގައި އިން ޕަސެންޖަރަކު ވަރަށް އަވަހަށް ޓެކްސީގެ ދޮރު ހުޅުވާލާފައި ބުނެފި އަރާށޭ. އެ ޕަސެންޖަރު ބުނީ، ތުއްތުތުއްތު ކުއްޖެއް އޮތީމަ އޭނާ ބޭނުން ނުވީއޭ ދޫކޮށްލާފަ ދާން. އެހެންވެ އަޅުގަނޑުގެ ފިރިމީހާ ދަރިފުޅު ގޮވައިގެން ޓެކްސީއަށް އެރީ. ދެން ކުއްލިއަކަށް ޓެކްސީގެ ޑްރައިވަރު ކާރުން ފައިބާފަ ވަރަށް ބާރަށް ދޮރު ޖަހާފަ، ދަރިފުޅާ ފިރިމީހާ ގެންދަން ދެކޮޅު ހެދީ. ކުރީ ސިޓުގައި އިން ޕަސެންޖަރު އިނީ ވަރަށް ދެރަވެފަ. އެކަމަކު ފިރިމީހާއަށް އަނެއްކާވެސް ޖެހުނީ ކާރުން ފައިބައި އެތައް އިރަކު މަގުމަތީ ހުރެގެން އެހެން ކާރެއް ހޯދަން." އަފްޝަން އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
އަފްޝަން ވަނީ އެ އަމަލު ހިންގި ޑްރައިވަރު ދުއްވި ޓެކްސީގެ ނަންބަރު ވެސް ފޭސްބުކްގައި ހިއްސާކުރައްވައިފަ އެވެ.
"އަޅުގަނޑު ހިތަށް އަރާ، ރޮއިރޮއި އޮތް ތުއްތު ކުއްޖަކު ގެންދަން ޓެކްސީ ނަންބަރު 3856ގެ ޑްރައިވަރު ދެކޮޅު ހެދީ ކީއްވެ ބާވައޭ..." އަފްޝަން އިތުރަށް ލިޔުއްވާފައިވެ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން، އަފްޝަން ވިދާޅުވީ ކުރީ ސީޓުގައި އިން ޕަސެންޖަރު ބުނެގެން ދަރުފުޅު ގޮވައިގެން ކާރު އެރި ވަގުތު ޓެކްސީގެ ޑްރައިވަރު އެކަން ހުއްޓުވައިފައެއް ނުވެ އެވެ. ޑްރައިވަރު ހިތްހަމަނުޖެހިގެން ކާރުން ނުކުމެ ބޭރުގައި ހުއްޓުނީ އެ މީހުން ކާރަށް އަރައި އިށީން ފަހުންނެވެ.
އަފްޝަން އިތުރަށް ވިދާޅުވީ، އެ ޓެކްސީއަކީ 5757ގެ ޓެކްސީއެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެހެން ނަމަވެސް މި މައްސަލައިގައި އެ ސެންޓަރު ގޯސް ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ޓެކްސީ ސެންޓަރުގެ މައްސަލައެއް މި ކަމުގައި އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ވަކި ޑްރައިވަރަކު ކުރާ ކަމަކަށް ސެންޓަރު ގޯހެއް ނުކުރެވޭނެ." އަފްޝަން ވިދާޅުވި އެވެ.
ވިހޭތާ އެންމެ ހަފުތާއެއް ވެސް ނުވާތީ، ހޮސްޕިޓަލަށް ވަޑައިގެންނަވަން އަފްޝަންގެ ސިއްހީ ހާލަތު ދަން ނުދޭތީ، އުމުރުން ހަ ދުވަހުގެ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ވަޑައިގެންނެވީ އަފްޝަންގެ ފިރިމީހާ، އަދި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސެއިން އަމްރު އެވެ.
މާލޭގައި ހަމަ މަހުގެ ތުއްތު ކުއްޖަކު ޓެކްސީން ބޭލި އިރު، މީގެ ދުވަސްތަކެއް ކުރީން ޓެކްސީ ޑްރައިވަރަކު ވަނީ އެއާޕޯޓުން މާލެއަށް ދަތުރުކުރި އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ ދަރިފުޅު ހައިވޭ ސަރަހައްދަށް ބާލާފައި ގޮސްފަ އެވެ.