ޚަބަރު

ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

ވެހިކަލްތަކަށް ސިނަމާލެ ބުރިޖަށް ނޭރޭނެ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރި މައްސަލައިގައި ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ މއ. ވިރާހު/ މުހައްމަދު ޝާމިން (39އ)، ލ. ދަނބިދޫ/ ސަންރޭ، އަހުމަދު ޝަބީން (33އ) އަދި ހދ. ކުމުންދޫ/ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު (36އ) އެވެ.

ފުލުހުން އިއްޔެ ބުނީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނުއުމާން ޝަރުތު ކުރުމަށްފަހު ދޫކޮށްލައި، ޝާމިން އާއި ޝަބީން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ބަންދުގައި ހުރި ޝާމިން އާއި ޝަބީންގެ ފަރާތުން ގާނޫނީ ވަކީލު އައިކް އަހުމަދު އީސާ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ އިރު، ފުލުހުން އެދުނީ އެމީހުން 15 ދުވަހަށް ބަންދުކޮށްދިނުމަށް ކަމަށާއި އެހާ ގިނަ ދުވަހަށް މުއްދަތު ޖަހަން ފުލުހުން އެދެން ޖެހޭ މާބޮޑު ސަބަބުތަކެއް އޮތް ކަމަކަށް ނުދެކޭ ކަމަށެވެ. އަދި މުޖުތަމައުއަށް އުނދަގުލަކަށް ވާނެ ކަމަށް ފުލުހުން ސިފަކުރާ ކާރުތައް ވެސް އެވަނީ ޓޯކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އިތުރަށް ދެން އުނދަގުލަކަށް ވާނެ އިތުރު ގޮތެއް އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ. އެހެންކަމުން މިއަދު އެ އަޑުއެހުންތައް ނިންމުމަށްފަހު އަޅުގަނޑުމެން މަސައްކަތް ފައްޓައި، މުއްދަތު ޖެހި ޝާމިން އާއި ޝަބީންގެ މައްސަލަ ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސް، މިހާރު ވާނީ ހައިކޯޓަށް އެ މައްސަލަ ވެސް ހުށަހެޅިފައި. އިރާދަކުރެއްވިއްޔާ ފަސް ދުވަސް ހަމަވުމުގެ ކުރިން އަޅުގަނޑުމެން ހައިކޯޓުން މުއްދަތު އިސްތިއުނާފުކޮށް، އެ ބޭފުޅުން ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރިއަށްގެންދާނަން،" އޭނާ ވިދާޅުވިއެވެ.

އައިކް ވިދާޅުވީ މައްސަލައިގައި ފެންނަ ހުރި ލިޔެކިޔުމަށް ބަލާ އިރު، އެކަށީގެންވާ ހެކި ނެތް ކަމަށް ފުލުހުން ވެސް އެއްބަސްވާ ކަމަށެވެ. އަދި ޓެކްސީތައް ޓޯކުރި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޑްރައިވަރަކު ބުނީ މަގު ބްލޮކުވެފައިވަނީ، އެ ދުވަހު ހަވީރު ބޭއްވި އިހުތިޖާޖުގައި ބައިވެރިވި ޓެކްސީތައް ހައިވޭއަށް އަރަން ދަނިކޮށް، ފުލުހުން އެ މަގުން ހުރަސް އެޅުމުން ކަމަށާއި އެކަމާ ގުޅިގެން ކާރުތައް މަގު ހުރަސްވާ ގޮތަށް އޮތީ، ހުސްކޮށް އޮތް މަގުގެ އަނެއް ފަޅިއަށް އެރުމަށް މަސައްކަތްކުރަނިކޮށް ކަމަށެވެ. އަދި ހަވީރު ބޭއްވި އިހުތިޖާޖަށް ހުރަސް އެޅުމަށް ވެސް ފުލުހުން މަސައްކަތްކުރި ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ބުދަ ދުވަހުގެ ހަވީރު ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖަށް ނުކުތީ ސަރުކާރުން ފަށާ ޓެކްސީ ލައިނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ. ހަމަ އެރޭ މަގު ބްލޮކުކުރި މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށް، ހަތަރުފުރޮޅުލީ 22 އުޅަނދު ޓޯކޮށްފައެވެ.