މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތު އެ ކުންފުނިން ދޮގުކޮށްފިއެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އެމްޓީސީސީން 55 މިލިއަން ޑޮރަރުގެ މަޝްރޫއެއްގައި ސޮއިކުރަން އުޅޭ ކަމަށް ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން އެމްޓީސީސީން ބުނީ އެ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
އެމްޓީސީސީން ރޭ ނެރުނު އެ ބަޔާނުގައި ބުނީ އެ މަޝްރޫއަކީ ބައިނަލް އަގުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއު ކާމިޔާބު ކުރުމަކީ އެމްޓީސީސީގެ މުހިންމު އަމާޒެއް ކަމަށާއި މި ދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދުމުގެ މަގުސަދުގައި އެފަދަ ދޮގު ހަބަރު ފެތުރުމުން ކުންފުންޏަށް އެ މަޝްރޫއު ގެއްލިދާނެކަމުގެ ބިރު ބޮޑު ކަމަށް ބުންޏެވެ.
އޭގެ އިތުރުން، ކުންފުނިން ކުރާ ވިޔަފާރީގައި ފައިދާގެ އިންސައްތަ ހިމަނާނެ މިންވަރު ބަޔާންކުރާނީ ވޭތުވެ ދިޔަ 4 އަހަރު ތެރޭގައި އެ ކުންފުނިން އެކަށައަޅާފައިވާ "ޕްރައިސިން ޕޮލިސީ"ގެ ދަށުން ކަމަށާއި، އެ ޕޮލިސީގައި ބަޔާންކޮށްފައިވާ ފައިދާގެ މިންވަރަށްވުރެ ކުޑަކޮށް މަޝްރޫއެއް ކުރިއަށް ގެންދަން ބޭނުންވާ ނަމަ އަމަލު ކުރަންޖެހޭ ގޮތްވެސް އެ އެ ޕޮލިސީގައި ބަޔާންކޮށްފައިވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
"އެގޮތުން ވަކި އިންސައްތައަކަށްވުރެން ވިޔަފާރީގެ މުއާމަލާތުގެ ފައިދާ ކުޑަކަމުގައި ވަނީނަމަވެސ،ް ޖުމުލަކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތު އިތުރުވާނެ ނުވަތަ ކުންފުނީގެ ވަނަވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއް ނުވަތަ މުއާމަލާތެއް ކަމުގައި ވާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިޒުނައާއެކު ކުރިއަށް ދިއުމަށް އިސްވެ ދެންނެވުނު ޕޮލިސީ ހުރަހެއް ނާޅައެވެ." ބަޔާނުގައި ވެއެވެ.
އެމްޓީސީސީން ބުނީ ރައްޔިތުންގެ ފަރާތުން އެމްޓީސީސިއަށް ލިބިފައިވާ ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ އެ ނާތަހުޒީބު އަމަލުގެ ސަބަބުން ކުންފުންޏަށާއި ރާއްޖޭގެ އިގްތިސާދަށް އިޔާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެ މަޝްރޫއު ހިންގަން އުޅެނީ ކުންފުނީގެ އިސްވެރިންގެ ނާޖާއިޒު ފައިދާއަށް ކަމަށް ތުހުމަތުކޮށް ލިޔެފައިވާ ހަބަރު ހަރުކަށި އިބަރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބުންޏެވެ.