ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އޭނާއަށް ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ގަސަމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ކޮށްފައިވާ ހަލާލު މަސައްކަތަކުން ނޫނީ ލިބިފައިވާ އެއްޗަކުން އަނބިދަރިންނަށް ކާން ނުދޭ ކަމަށެވެ. އަދި އޭނާ ހުރީ މައިންބަފައިން ދެއްވި ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.
"ކުންފުނީގައި އަޅުގަނޑު ކޮށްފައިވާ ކޮންމެ މަސައްކަތެއް ކޮށްފައިވަނީ ކުންފުނީގެ ކުރިއެރުމަށް. ފޮރުވަންޖެހޭ ނާޖާއިޒު މަންފާ އަޅުގަނޑަށް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާކަމުގެ ޔަގީންކަން އަރުވަން،" ގަސަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލުމަކީ އޭނާ ހިންގާފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށް ކުރި ކަމެއްގެ ގޮތުގައި ދެއްކުމަށް ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލަ ފެންމަތިވީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ސައިޓެއްގައި އެ ކުންފުނީގެ ލިޔެކިޔުންތަކެއް ގެންގޮސް ނައްތާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. އެ މައްސަލާގައި އެ ކުންފުނީގެ މުވައްޒަފަކު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ލިޔެކިޔުންތައް ނައްތާލުން ހުއްޓުވައިދިނުމަށް ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅައިފައެވެ. އަދި އެފްއެސްއެމުން ލިޔެކިޔުންތައް ނައްތާލި މައްސަލަ ގައުމީ އަރުޝީފުން ވަނީ ފުލުހަށް ހުށަހެޅުމަށް ނިންމައިފައެވެ.