ސައިކަލެއްގައި ގިނަ އަދަދެއްގެ ފައިސާތަކެއް ހިފައިގެން ދިޔަ މީހަކު މަގުމަތީން ހުއްޓުވައި، އެ ފައިސާތައް ފޭރެން އުޅުނު ދެމީހުންގެ ތެރެއިން އެކަކު، ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ރޭ 11:30 އެހާ އިރު، ފަރީދީ މަގު ފަތަހަ ސުންބުލި ފިހާރަ ހުންނަ ސަރަހައްދުގަ އެވެ.
ސައިކަލެއްގައި ގިނަ އަދަދެއްގެ ފައިސާތަކެއް ހިފައިގެން ދިޔަ މީހާއަށް މަގުމަތީން ހުރަސް އަޅައި ހުއްޓުވައި، އެ ފައިސާތައް ފޭރިގަންނަން މަސައްކަތްކޮށްފައި ވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި، ފައިސާތައް ފޭރިގަންނަން މަސައްކަތްކުރަނިކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހުންނަށް އެތަން ފެނިގެން ގޮސް، ފޭރިގަންނަން މަސައްކަތްކުރި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ދެވަނަ މީހާ ވަނީ ފިލައިފައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.