އިންޑިއާގައި ކުރިއަށްދާ އައިސީސީ މެންސް ކްރިކެޓް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ހައިރާންކުރުވަނިވި ނަތީޖާއާއެކު އަފްގާނިސްތާނުން ޕާކިސްތާން ބަލިކޮށްފިއެވެ.
ރޭ ޗެންނާއީގެ ޗިދަމްބަރަމް ސްޓޭޑިއަމްގައި ކުޅުނު މެޗުން އަފްގާނިސްތާން މޮޅުވީ އަށް ވިކެޓުންނެވެ. އެއީ އަފްގާނިސްތާނުން ވަރުގަދަ ޕާކިސްތާން ކައިރިން ވަން ޑީ އިންޓަނޭޝަނަލް މެޗެއްގައި ހޯދި ފުރަތަމަ މޮޅުވެސް މެއެވެ. އެއީ އަށް މެޗުގެ ތެރެއިންނެވެ. އަދި އެއީ އަފްގާނިސްތާނުގެ ކްރިކެޓް ތާރީހުގައިވެސް އެންމެ ބޮޑު ސްކޯއެއް އަތުކޮށްގެން ހޯދި މޮޅުވެސް މެއެވެ. އަދި ރޭގެ މޮޅަކީ އަފްގާނިސްތާނުން ކްރިކެޓް ވޯލްޑް ކަޕްގައި ހޯދި ތިންވަނަ މޮޅުވެސް މެއެވެ.
ރޭގެ މެޗުގައި ޕާކިސްތާނަށް ޓޮސް ދިމާވުމުން އެޓީމުން ގަސްދުކުރީ ބެޓް ކުރުމަށެވެ. ޕާކިސްތާނުން ބެޓް ކުރަން އަރައި، 50 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 282 ލަނޑެވެ. ޕާކިސްތާނުގެ ކެޕްޓަން ބަބާ އަޒަމް 74 ލަނޑު މެޗުގައި ހެދި އިރު، އަބްދުލްﷲ ޝަފީގު ވަނީ 75 ބޯޅައިން 58 ލަނޑު ހަދައިފައެވެ.
އަފްގާނިސްތާނުން އުކުމުގައި މޮޅަށް ކުޅުނު އިރު، އެޓީމުގެ ނޫރު އަހުމަދު ވަނީ ތިން ވިކެޓް ނަގައިފައެވެ.
ޕާކިސްތާނުގެ ބޮޑު ސްކޯގެ ބަދަލުގައި ކުޅެން އަރައި އަފްގާނިސްތާނުން މޮޅުވީ 49 ވަނަ އޯވަރުގައި 286 ލަނޑު ހަމަކޮށްގެންނެވެ. އަފްގާނިސްތާނުގެ އިބްރާހީމް ޒަދްރަން 87 ލަނޑު ހެދި އިރު، އެޓީމު މޮޅުކޮށްދިން ފަހު ލަނޑުތައް ހަދައިދިން ރަހްމަނުﷲ ގުރްބާޒް ވަނީ ނުބައި ނުވެ، 65 ލަނޑު ހަމަކޮށްފައެވެ. އަދި ރަހުމަތު ޝާހް ވެސް ވަނީ ނުބައި ނުވެ، 77 ލަނޑު ހަދައިފައެވެ.
އަފްގާނިސްތާނުން ރޭ ހޯދި މޮޅާއެކު ސެމީގެ އުންމީދެއް އެޓީމަށް ވަނީ ލިބިފައެވެ. ޕޮއިންޓް ތާވަލުގެ ހަވަނައިގައި އަފްގާނިސްތާން މިހާރު އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އެޓީމުން މޮޅުވީ ދެ މެޗުންނެވެ. ޕާކިސްތާން ފަސްވަނައިގައި އޮތީވެސް އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ.
މިވަގުތު އެއްވަނައިގައި އިންޑިއާ އޮތީ ފަސް މެޗުންވެސް މޮޅުވެ، 10 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ނިއުޒިލެންޑް އަށް ޕޮއިންޓާއެކު އޮތް އިރު، ހަތަރު މެޗުން ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ދެކުނު އެފްރިކާއެވެ. އޮސްޓްރޭލިއާ ހަތަރު ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.