އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ބަޖެޓު 49 ބިލިއަން ރުފިޔާގައި ހިފެހެއްޓުމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެލައްވާ ކަމަށް އެ މަނިކުފާނުގެ ބަޖެޓް ކޮމިޓީގެ މެމްބަރު، ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ރޭ ގައްސާން ވިދާޅުވީ މުއިއްޒު އެންމެ ފުރަތަމަ ނިންމެވި އެއްކަމެއްގެ ތެރޭގައި ރިކަރަންޓް ހަރަދު ވަކިވަރަކަށްވުރެ ބޮޑުނުކުރެއްވުން ހިމެނޭ ކަމަށެވެ. އަދި މުއިއްޒު ބޭނުންފުޅު ވަނީ ކްރެޑިޓް ރޭޓިން ހަދާ ފަރާތްތަކުން ގަބޫލުކުރާ މިންގަނޑެއްގެ ތެރޭގައި ބަޖެޓު އެކުލަވާލުމަށް ކަމަށް ވިދާޅުވިއެވެ.
"އިންތިހާބީ ރައީސްގެ އޮފީހުން މިހާރު ހާމަކޮށްފައިވަނީ 49 ބިލިއަން ރުފިޔާގެ ތެރޭގައި ބަޖެޓު ހިފަހައްޓަވަން. އެއީ އެންމެ ފުރަތަމަ ރައީސް ނިންމެވި ކަމަކީ. މީގެ މާނައަކީ އަޅުގަނޑުމެންގެ ދަރަނި ޖީޑީޕީއަށްޖެހޭ ނިސްބަތް ކުޑަކުރުން. މިހާރު މި އޮތީ ޑަބަލް ޑިޖިޓްސްގައި ފުދޭވަރަކަށް މަތީގައި. އެހެންވެގެން ރޭޓިން ދަށްވެގެން މި އުޅެނީ،" ގައްސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުއިއްޒުގެ ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރާނީ ހަރަދުތައް ކުޑަކުރަން ކަމަށާއި މުއިއްޒަކީ ކަންކަން ކުރަން ދަންނަ ގާބިލު ބޭފުޅަކަށްވުމުން ބަޖެޓު ކުޑަވިޔަސް މައްސަލަތަކެއް ދިމާނުވާނެ ކަމަށެވެ. ކުޑަ ބަޖެޓެއްގެ ތެރެއިން ރައްޔިތުން ބޭނުންވާ އުމްރާނީ ތަރައްގީ މުއިއްޒު ހޯދައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓަށް މުއިއްޒުގެ އެދިވަޑައިގަތުމަކަށް 200 މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށާއި އެއީ ފުރަތަމަ 100 ދުވަހުގެ ވައުދުތަކަށް ހާއްސަ ކޮށްގެން އިތުރުކުރެއްވި އަދަދެއް ކަމަށެވެ.