އިބްރާހިމް ޒަކީ
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީ ކެނޑިޑޭޓުން ނޫން އެހެން ކެނޑިޑޭޓުންނަށް ކެމްޕެއިން ކޮށްދިން އެމްޑީޕީގެ މެންބަރުންނަށް، ޕާޓިން ފިޔަވަޅު އަޅަންޖެހޭނެކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ބައެއް މެންބަރުން އެމްޑީޕީ ކެނޑިޑޭޓް ނޫން އެހެން ބައެެއް ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެމްޕެއިން ކޮށްފައިވާ މައްސަލައިގައި، ފިޔަވަޅު އަޅާފައިނުވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފު ވިދާޅުވެފައިވަނީ، އެމްޑީޕީގެ މަގާމެއްގައި ހުރެ ޕާޓީގެ ކެނޑިޑޭޓް ނޫން އެހެން ކެނޑިޑޭޓަކަށް ކެމްޕެއިން ކޮށްދިނުމަކީ ވަރަށްބޮޑު ގޯހެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ޕާޓީގެ މަގާމެއްގައިހުރެ ޕާޓީގެ ކެނޑިޑޭޓްނޫން އެހެން ކެނޑިޑޭޓަކަށް ކެމްޕެއިން ކޮށްދިނުމަކީ ވަރަށްބޮޑު ގޯހެއް ކަމަށް. އަދި އެބޭފުޅުންނާމެދު ޕާޓީން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް،" ރައްޔިތުންގެ މަޖިލީހުގެ އިނތިހާބުގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަލް ލަތީފު ވިދާޅުވިއެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ބައެއް މެންބަރުން އެހެން ކެނޑިޑޭޓުންނަށް ތާއީދު ކުރާތަން ފެނިގެންދިޔައެވެ. ހާސަކޮށް އެމްޑީޕީގެ ޕްރައިމަރީން ފެއިލްވި ބައެއް ބޭފުޅުންގެ ފަރާތުން އެކަން ފާހަގަކުރެވިގެންދިޔައެވެ.