ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު 4 މީހުންގެ ނަން ނަގައިފި

އިބްރާހިމް ޒަކީ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ފިލައިގެން އުޅޭތީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ނަން ނަގައިފިއެވެ.

ރެޑްނޯޓިސްބާތިލް ކުރި މީހުންގެ ތެރޭގައި ހިމެނެނީ، މުހައްމަދު އަސީލް އަހުމަދާއި، މުހައްމަދު އައްލާމް ލަތީފާއި އަހުމަދު އިޝްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އެވެ.

އެމީހުންގެ މައްޗަށް ނެރެފައިވާ ރެޑް ނޯޓިސް ބާތިލް ކޮށްފައިވާކަން، ފުލުހުންވެސް ވަނީ "ވަން އޮންލައިން" އަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ރެޑްނޯޓިސް ބާތިލް ކޮށްފައިވަނީ ދައުލަތުން އެގޮތަށް ނިންމައިގެން ކަމަށެވެ. އަދި އެފަރާތްތައް ހޯދަން ރެޑް ނޯޓިސް ނެރުނީ އެފަރާތްތައް ތަހުގީގަށް ހާޒިރު ނުކުރެވިގެންކަމަށާއި، ނަމަވެސް މިހާރު އެފަރާތްތަކަށް ޕޮލިހަށް އެކްސެސްވެވި ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން އިތުރަށް ރެޑްނޯޓިސް ދަމަހައްޓަން ޖެހޭތަނެއް ނެތުމުން ރެޑް ނޯޓިސް ނެގީކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި ފަރާތްތަކަކީ، މިވަގުތު އިނގިރޭސި ވިލާތުގެ ހިމާޔަތުގައި ތިބި ބައެއް ނަމަވެސް ފުލުހުންނަށް މިހާރު ފުރިހަމައަށް އެފަރާތްތަކަށް އެކްސެސް ލިބިފައިވާކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، ޓެރަރިޒަމާއި މަނީ ލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެން އެމީހުންގެ މައްޗަށް ރެޑް ނޯޓިސް ނެރުނީ 2015 ވަން އަހަރާއި 2016 ވަނަ އަހަރުގައެވެ.

އެމީހުންގެ މައްޗަށް ރެޑްނޯޓިސް ނެރުނީ ރާއްޖެއިން ބޭރުގައި ތިއްބައެވެ. އޭގެފަހުން އެމީހުންނަށްވަނީ ޔުކޭ އިން ހިމާޔަތްދީފައެވެ.