ފަލަސްތީންގެ ހައްގުގައި ދިވެހިން ތިބިކަން އަންގައިދީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އަޑުއުފުލައިފިއެވެ.
އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަދި ފަލަސްތީނުގެ މިނިވަން ކުރުމަށް ގޮވާލައި ރަސްފަންނުން މިރޭ ފެށި ބޮޑު ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. ހިނގާލުން ބާއްވާފައިވަނީ ބޯކޮށް ވާރޭ ވެސް ވެހެމުން ދިޔަ ވަގުތެއްގައެވެ.
އެ ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ މަޖީދީމަގުން ގޮސް ހެންވޭރު ދަނޑަށެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ހެންވޭރު ދަނޑުގައި ތިބެ އިޒްރޭލުގެ ޓޫރިސްޓުން، ރާއްޖެއަށް އައުން މަނާކުރަން ގޮވާލައިފައެވެ. އަދި ވަނީ ފަލަސްތީނަށް އެހީ ފޯރުކޮށްދޭ ރަފާ ބޯޑަރު ހުޅުވައިލަން ގޮވާލައިފައެވެ. ހިނގާލުން ނިންމާލައިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ކުރި ހާއްސަ ދުއާ އަކުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުމަށް މީގެ ކުރިން ވަނީ ސައިކަލް ބުރަކާއި އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ބާއްވައިފައެވެ. އެ ދެ ހަރަކާތުގައި ވެސް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 3،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި މީގެ ދެ ދުވަސް ކުރިން ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި 500 އެއްހާ މީހުންވެސް ހިމެނެއެވެ.
ހަނގުރާމައިގެ މިހާތަނަށް އިޒްރޭލުން 1،400 މީހުން ވަނީ މަރުވެފައެވެ.