ޚަބަރު

ޔޫސުބެ ގެއްލުން: ޑައިވްކޮށްގެން ހޯދުން ހުއްޓާލައިފި، އެކަމަކު އޮޕަރޭޝަން އަދިވެސް ކުރިއަށް

އދ. ދަނގެތިން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޔޫސުފް އިބްރާހީމް (ޔޫސުބެ) ހޯދުމަށް ހިންގާ އޮޕްރޭޝަންގެ ތެރެއިން ޑައިވް ކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ގެއްލުނު ޔޫސުބެ ހޯދުމުގެ މަސައްކަތާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ މީހަކު ކަނޑަށް ގެއްލޭތާ 72 ގަޑިއިރު ތެރޭގައި ކަނޑުމަގުންނާއި ވައިގެމަގުންނާއި ޑައިވް ކޮށްގެންވެސް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޑައިވްކޮށްގެން ކުރާ މަސައްކަތް ހުއްޓާލީ 72 ގަޑިއިރު ހަމަވުމުން ކަމަށް ވިދާޅުވިއެވެ.

"72 ގަޑިއިރު އާންމުގޮތެއްގައި ބަލަނީ އަޑީގައި އޮންނަ މީހަކު ވިޔަސް މައްޗަށް އަރަން އެ ހޭދަވާ ވަގުތާ އެ ގޮތް ގޮތަށް ބަލާފައި" މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ޔޫސުބެ ހޯދުމުގެ މަސައްކަތް އަދި އެއްކޮށް ހުއްޓާލައިފައެއް ނުވެއެވެ. އެގޮތުން މިއަދުވެސް ކަނޑުގެ ސަރަހައްދު ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފަތިހު މަހަށް ނުކުމެ އުޅެނިކޮށް އުމުރުން 68 އަހަރުގެ ޔޫސުބެ ގެއްލުނުކަން އެނގުނީ ޔޫސުބެގެ ދޯނި ހުހަށް ދަނިކޮށް ފެނުމުންނެވެ. ޔޫސުބެ ހޯދުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން އޭނާއާ ގުޅޭ އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.