ރ. ފައިނުގައި އެއާޕޯޓް ނާޅަން ނިންމި ނިންމުމަކީ ސަރުކާރުން ރައްޔިތުންނަށް ދިން ވަރަށް ބޮޑު ދެރައެއް ކަމަށް ފައިނު ކައުންސިލުން ބުނެފިއެވެ.
''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން ފައިނު ކައުންސިލުގެ ރައީސް އިބްރާހީމް ނާސިރު ވިދާޅުވީ ފައިނުގައި އެއާޕޯޓް ހެދުމަކީ ރަށު ރައްޔިތުން އަބަދުވެސް ކުރަމުންދިޔަ އުންމީދެއް ކަމަށެވެ.
އެގޮތުން ކުރީގެ ސަރުކާރުން އެއާޕޯޓް ހެދުމަށް ނިންމައި އެމަޝްރޫއު އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމުން އެއާޕޯޓް ހަދަން ބިން ސާފުކުރުމަށް ރައްޔިތުންނާއި ކައުންސިލުން ވަރަށް ބުރަ މަސައްކަތްތަކެއް ވެސް ކޮށްފައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިން ސާފުކުރުމަށްޓަކައި ރުއްގަސް ކެނޑި ނަމަވެސް ވެރިފަރާތަށް އަދިވެސް ބަދަލު ނުދޭކަމަށެވެ.
މީގެއިތުރުން ނާސިރު ވިދާޅުވީ ރައްޔިތުންގެ މަޝްވަރާއާއެކު ކަންކަން ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އަދި ސަރުކާރުން ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރާނީ ރައްޔިތުންގެ މަޝްވަރާއާއެކުގައި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ފައިނުގައި އެއާޕޯޓް ނުހަދަން ނިންމީ ރައްޔިތުންނާ މަޝްވަރާނުކޮށް އަދި ކައުންސިލާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ނާސިރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ ސަރުކާރުގެ ނިންމުމުގެ ސަބަބުން ކަންބޮޑުވެފައިވަނީ ފައިނުގެ ރައްޔިތުން އެކަނި ނޫން ކަމަށާއި އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން ވެސް އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެެވެ.
ފައިނުގައި އެއާޕޯޓް ހެދުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވަނީ ވިދާޅުވެފައެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ ފައިނުގައި އެއާޕޯޓް ނުހަދަން ނިންމީ ކުރީގެ ސަރުކާރުން ކަމަށާއި އެއީ ކުރީގެ ސަރުކާރުގެ ނިންމުމެއް ކަމަށެވެ.