ޚަބަރު

ފަޅުގައި އަޅާފައި އޮންނަ އުޅަނދުތަކުގައި ފަޅުވެރިން ތިބެން އަންގައިފި، ނުތިބޭނަމަ ފިޔަވަޅު އަޅާނެ

މުހައްމަދު އިޝާން

ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދު ބެލެހެއްޓުމަށް އެކަށީގެންވާ ފަޅުވެރިން ނުތިބޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލިލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުންގެ މުދަލަށް ގެއްލުންވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމުކަމެކެވެ. އަދި މިގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާމެދު 'ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު' ގެ 44 ވަނަ މާއްދާގެ (ފ) ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ އާންމުކޮށް އަންގާ އިއުލާންކުރީމެވެ"

ގަވާއިދުގެ އެ މާއްދާއަކީ ގަވާއިދާ ހިލާވުވެއްޖެ ނަމަ ޖޫރިމަނާ ކުރެވޭނެ އަދަދުތައް ބަޔާންކުރާ މާއްދާއެވެ.