ޚަބަރު

ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެއްޖެ، އެކެއްގެ ހާލު ސީރިއަސް

އައިޝަތު އަފްޝަން

ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި އެއްޗެއް ގޮވައި، 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ކުޅުދުއްފުށީ އެއާޕޯޓު ފަޔާ ޓްރެއިނިންގެ ބައިގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމަށެވެ. އަދި އެކަން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 11:45 ހާއިރު ކަމަށް ބުންޏެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ފަޔާ ޑިޕާޓްމެންޓުގެ 4 މުވައްޒަފުންނަށެވެ. އަދި އެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު މޫސާ ވިދާޅުވީ އަނިޔާވެފައި ވަނީ 3 ފިރިހެނުންނަށާއި އަންހެނަކަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކުގެ އަތަށް ސީރިއަސް އަނިޔާތަކެއް ލިބި، އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ދެން ތިބި ތިން މީހުންނަށް ލިބުނީ ކުދި އަނިޔާ ކަމަށެވެ.

އެ ހާދިސާ ހިނގި ސީންގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.