އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން ޓްރާންސިޝަން އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ މަޝްވަރާކޮށްފިއެވެ.
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޫސައާއެކު ބޭއްވި ބައްދަލުވުމުގައި ޗެއާމަން އޮފް ޓްރާންސިޝަން އަބްދުﷲ ޝާހިދާއި ޑިރެކްޓަރ އޮފް ޓްރާންސިޝަން ސީވީޑް އަހްމަދު ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ އޮފީހުން ބުނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއެކު ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޮވެމްބަރު 11 ވަނަ ދުވަހު ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ނޮވެމްބަރު 11އަކީ ޖުމްހޫރީ ދުވަހަށް ވާއިރު، އެ ދުވަހު އިބޫ ހުވާކުރައްވަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް މައްސަލަތަކަކާ ގުޅިގެން 2013ގެ އިންތިހާބު ދިގުލައިގެން ދިއުމުން އެފަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުވާކުރެއްވީ ނޮވެމްބަރު 17ގައެވެ. އެހެންކަމުން ރައީސް ޔާމީންގެ ފަސް ދައުރު ހަމަވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް ލަފާދެއްވާފައިވަނީ އަންނަ މަހުގެ 17ގައި އިބޫ ހުވާކުރެއްވުމަށެވެ.
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.