މާލެ ޖަލުގެ އެނެކްސް އެކެއްގައި ތިބި ހުރިހާ ގައިދީން އެހެނިހެން ޖަލުތަކަށް ބަދަލުކޮށްފިއެވެ.
ރިމާންޑް ސެންޓަރެއްގެ ގޮތުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ހުޅުވި އެޖަލު، ފުރަތަމަ ބޭނުން ކުރަމުން ގެންދިޔައީ މާފުށީ ޖަލުން އެކި ކަންކަމުގައި މާލެއަށް ގެނެވޭ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި، އަރުވައިލުމަށް ހުކުމްކުރެވި ރަށަކަށް ބަދަލުކުރެވެންދެން ބަންދުކުރުމަށާއި، ގޭބަންދުކުރުމަށް ހުކުމްކުރެވޭ މީހުންގެ ތެރެއިން ހަވާލުވާނެ ފަރާތެއް ނެތް މީހުން ބަންދުކޮށްފައި ބޭތިއްބުމަށެވެ.
ނަމަވެސް 2006 ވަނަ އަހަރު އެޖަލުގެ ތެރޭގައި އާގޮޅިތަކެއް ހެދުމަށްފަހު ދިގު މުއްދަތަކަށް ބަންދުކޮށްގެން މީހުން ގެންގެޅެން ފެށިއެވެ. އެ ގޮތުން، ވޭތުދިޔަ ހަތަރު އަހަރު މާލެ ޖަލުގެ އެނެކްސް އެކެއް ބޭނުންކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބަލިތަކުގައި ބޭސް ފަރުވާކުރާ މީހުންނާއި އަދި ބެލެހެއްޓުމުގައި ހާއްސަ އެހީތެރިކަން ދީގެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައިތިއްބަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ޖަލުތަކަށް ކުރެއްވި ޒިޔާރަތުގައި، އެޖަލުގެ ހާލަތު ބައްލަވާލައްވައި، އެޖަލަކީ، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީހުން ބަންދު ކޮށްގެން ގެންގުޅުމަށް، އެކަށީގެންވާ ވަރުގެ ތަނެއް ނޫން ކަމަށާއި، އާދައިގެ ކުދިކުދި މަރާމާތު ކޮށްގެން އެޖަލުގެ ބޭނުންކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެޖަލުގައި މީހުން ބަންދު ނުކޮށް، އެހެން ޖަލުތަކުން ޖާގަ ލިބުނުވަރަކުން އެޖަލުތަކަށް މީހުން ބަދަލުކުރަމުންގޮސް އެނެކްސް އެކެއް ހުސްކުރުމަށް ވަނީ އަންގަވައިފައެވެ.
އެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށާއި، ބަންދުކޮށްގެން މީހުން ގެންގުޅެން އެކަށީގެން ނުވާ ކޮންމެ ތަނެއްވެސް އަލުން ފަރުމާކޮށް އެކަށީގެންވާ ތަންތަނަށް ހެދުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވަނީ ވިދާޅުވިއެވެ.
ކަރެކްޝަނުން ބުނީ މާލޭ ޖަލުގެ އެނެކްސް އެކެއް ހުސްކުރަން ނިންމަން ޖެހުނު އިތުރު ސަބަބުތަކުގެ ތެރޭގައި، އެޖަލުގެ ގޮޅިތައް ފަރުމާކުރުމުގައި ދަގަނޑު ކޮށިތަކެއްގެ ސިފައިގައި ފަރުމާ ކޮށްފައި ހުރުމާއި، ވައި ދައުރުވާނެ ގޮތެއް ނެތުމުން ގޮޅިތަކުގައި ހޫނުގަދަވުން ހިމެނެއެވެ. އަދި ގޮޅިތަކުގެ ފާޚާނާތައް ބާވެ، ހަލާކުވެފައި ހުރުމާއި، ވައި ބަންދުވެފައިވާ ތަނެއްގައި މީހުން ބަންދުކޮށްފައި ބޭތިއްބުމުން ހަމުގެ ބަލިތައް ޖެހޭ ގައިދީންގެ އަދަދު ގިނަވެފައިވާތީއެވެ.