ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

މަރިޔަމް ޝަހުދާ

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފި އެވެ.

އެމަނިކުފާނު ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާފައި ވަނީ މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅުކަމަށެވެ. މި އަދު އިފްތިތާހު ކުރި ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދާނީ އެ ގޮތުގެ މަތީން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތީން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މަގުތައް ހެދުމުގައި އިސްކަންދޭނެ ތަރުތީބު ފަދަ ކަންކަން ނިންމާނީ ރައްޔިތުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއަކީ ކުރީން ފެށިފައި އޮތް މަޝްރޫއެއް ނަމަވެސް، އަލުން ފަށައިގެން މި މަޝްރޫއު ކުރިއަށް ގެންދާނީ މަރާމާތު ކުރުމަށް ފަސޭހަ އަދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ރައްކާތެރި ގޮތަށް ރަނގަޅަށް ފަރުމާކުރެވި، ރައްޔިތުން ބޭނުންވާ ގޮތްތަކަށް ބައްލަވައިގެންކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަގުމަތީގައި ތާރުއެޅި، ގާއެޅި ކަންކަން ފަހިވެގެންދާއިރު، މަގުތަކުގައި ދުއްވާ ފަރާތްތަކުން ޓްރެފިކް ގަަވައިދަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށްވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވައިދެއްވުމަށް ނައިބު ރައީސް އެދެވަޑައިގެންނެވިއެވެ.