ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމުގެ މަގާމަށް، އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ގޮތުގައި މި ވަގުތު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރިމަތިލައްވައިފިއެވެ.
އެކަން އިއުލާން ކުރައްވައި ހަސަން ލަތީފު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހުރިހާ ޑިމޮކްރެޓުންގެ ތާއީދު އޭނާއަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ޑިމޮކްރެޓްސްގެ ރައީސްއާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
މީގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް އާއި ކައުންސިލް ޖެނެރަލް އާއި ރަޖިސްޓްރާ ޖެނެރަލް އާއި ސްކޯކްސްޕާސަން އައްޔަން ކުރާނީ ޕާޓީގެ ރައީސް ޕާޓީގެ ނެޝަނަލް އެސެމްބްލީއަށް ނަމެއް ހުށަހަޅައި ރުހުން ހޯދައިގެންނެވެ. އަދި ޕާޓީގެ މާލީ ޒިންމާދާރު ވެރިޔާ އައްޔަން ކުރާނީ ސެކްރެޓަރީ ޖެނެރަލްއެވެ.
އެ އިންތިހާބުގެ މަގާމުތަކަށް ފޯމު ބަލައިގަތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 10:00 އަކާއި ހަމައަށް އޮންނާނެއެވެ.