ޚަބަރު

މަރުހޫމް ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަން ނިންމައިފި

މަރިޔަމް ޝަހުދާ

ފާއިތުވި މާޗް މަހު އަވަހާރަވި ނިޝަން އިއްޒުއްދީނުގެ އިއްޔަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މަރުހޫމް މުހައްމަދު ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

މި ޖަލްސާ އަކީ ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޖަލްސާއެކެވެ. މި ޖަލްސާ ބާއްވަން ހަމަޖައްސައިފައިވަނީ އަންނަ މެއި މަހު ދެވަނަ ދުވަހުއެވެ.

އުމުރުފުޅުން 92 އަހަރުގައި ޒާހިރު އަވަހާރަވިއިރު އޭނާ ވަނީ ދައުލަތުގެ އިސްމަގާމުތަކެއް ފުރުއްވައިފައެވެ. މީގެ އިތުރުން ޒާހިރުއަކީ 63 އަހަރަށް ވުރެ ދިގު މުއްދަތަކަށް ސަރުކާރަށް އިހުލާސްތެރިކަމާއެކު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ޒާހިރުއަށް ނިޝަން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބު އަރުވާފައިވަނީ 2011 ވަނައަހަރުގެ މިނިވަންދުވަހު ބޭއްވި ޖަސްލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ.