ޚަބަރު

މުލީއާގެ ކައިރިން ފެނުނު ބޮމުގެ މައްސަލައިން މީހަކު ސަލާމަތްވެއްޖެ

ދެހާސް ފަނަރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލީއާގެ ކައިރީގައި އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ބޭއްވި މައްސަލާގައި މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމް 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

އުބައިދުގެ އިތުރުން އިތުރު ތިން މީހަކަށް އެ މައްސާލަގައި 17 އަހަރުގެ ޖަލު ހުކުމް އިއްވިއެވެ. އެ މީހުންގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން އަދި ނުނިމެއެވެ.

ކްރިމިނަލް ކޯޓުން އެމީހުންނަށް ކުރި ހުކުމްގައި ވަނީ އައިއީޑީއެއް ހަދައި މުލީއާގެ ކައިރި، ނޫރާނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕުގެ ބެޓެރި ފިއުލް ޓޭންކް މަތީގައި އެ އައިއީޑީ ބާއްވާފައިވާކަން، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެ މީހުންނަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއެވެ.

އެ ހުކުމް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ ހެކިބަސްދިން ފުލުހުންގެ ހެކިބަހަށް ބަލާއިރު، އުބައިދު ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު އެ މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި ސީސީޓީވީ ފުޓޭޖުންވެސް އުބައިދު ފެނިފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ. އަދި އުބައިދުގެ ގޭގެ އިތުރުން އެ މައްސަލައާ ގުޅިގެން ފާސްކުރި އެއްވެސް ތަނަކުން އޭނައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ އެ މައްސަލައިގައި އުބައިދުގެ މައްޗަށް ހުރި ހެކިތަކަކީ އެ މައްސަލައިގައި ދައުވާ ލިބޭ ތ. ތިމަރަފުށި، ވިލާ، ޒިހާން އަހްމަދު ތަހުގީގުގައި ވެފައިވާ އިއުތިރާފާއި އަދި އައިއީޑީ ތައްޔާރުކުރުމަށްފަހު އުބައިދުގެ ސައިކަލުގައި އެ އައިއީޑީ ބާއްވަން ގޮސްފައިވުން ކަމަށެވެ.

އެ ހެކިތަކުގެ އިތުރަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ޒިހާން، އޭނާގެ މޯބައިލުން ގުޅާފައިވާ ގުޅުން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހުށަހަޅާ ގަރީނާތަކެއް ކަމުގައި ބަލަންވާނީ، އެކުށުގެ އަމަލުގައި އެމީހަކު ސީދާ ބައިވެރިވުމެއްވާ ކަމަށް ބާރުލިބޭ ގަރީނާތަކެއް ކަމުގައިވާ އިރު، އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ހެކިވެރިއެއްގެ ހެކިބަހަކުން އަދި މައްސަލައިގައި ހުށަހެޅިފައިވާ ގަރީނާއަކުން ވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި އުބައިދުގެ ބައިވެރިވުމެއްވާ ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.