ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި ޑެންޓަލް ކެއާ ޔުނިޓެއް ހުޅުވައިފި އެވެ.
އެކަމަށް ހާއްސަކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑެންޓަލް ކެއާ ޔުނިޓު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުން ސިއްހީ ދާއިރައަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށް ހުރި ގޮންޖެހުންތައް ނައްތާލައި ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރެއްވުން ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން އެދޭ ފަދައިން ރާއްޖޭގައި ސިއްހީ ދާއިރާގެ އިތުރު ހިދުމަތްތައް ފަށާނެ ކަމަށާއި މިހާރު ހުރި ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިސްންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.