ޚަބަރު

މުއިއްޒުގެ ފަރާތުން ބަޖެޓް އެކުލަވައިލަން 8 މެންބަރުންގެ ކޮމިޓީއެއް، ތަޖުރިބާ ބޮޑު ޓީމެއް

އިބްރާހިމް ޒަކީ

1

އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރެއްވުމަށްފަހު، އަންނަ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ވަގުތު ނޯންނާނެތީ، މިހާރު އެ މަނިކުފާނުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބަޖެޓުގެ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވައިލުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ އިންތިގާލީ މަރުހަލާގައި ކުރިއަށް ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވުމަށް، މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އެކަމަށް ޓަކައި 8 މެންބަރުންގެ ކޮމިޓީއެއް އުފައްދަވައި މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.

އިންތިގާލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހަޅަން ބޭނުންވާ ބަޖެޓް މަސައްކަތަށް އެކުލަވައިލެއްވި ކޮމިޓީ:

  • ކުރީގެ އިކޮނޮމިކު މިނިސްޓަރު، މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު
  • ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
  • ކުރީގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެފެއާޒް، ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ގައްސާން މައުމޫން
  • ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
  • ކުރީގެ ފިނޭންސް މިނިސްޓަރު، މިހާރުގެ އިސްލާމިކް ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިކޮނޮމިކްސްގެ ޑީން އަހުމަދު މުނައްވަރު
  • އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު
  • ކުރީގެ މިނިސްޓާ އޮފް އިކޮނޮމިކް ރިލޭޝަންސް މުހައްމަދު ލުވޭޒް
  • ޕެންޝަން އޮފީހުގެ ކުރީގެ ބޯޑް މެންބަރު އަބްދުލް ހަލީމް އަބްދުއްލަތީފް

މި ކޮމެޓީގެ ޗެއާމަން އަކީ ކުރީގެ އިކޮނޮމިކު މިނިސްޓަރު، މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސަވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟