ޚަބަރު

ފަލަސްތީންގެ ހައްގުގައި ދިވެހިން ތިބިކަން އަންގައިދީ، އެތައް ބަޔަކު މަގުތަކަށް

ފަލަސްތީންގެ ހައްގުގައި ދިވެހިން ތިބިކަން އަންގައިދީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އަޑުއުފުލައިފިއެވެ.

ފަލަސްތީންގެ ހައްގުގައި ދިވެހިން ތިބިކަން އަންގައިދިނުމުގެ ގޮތުން މިއަދު މާލޭގައި ސައިކަލު ބުރަކާއި އެއްވުމެއް ބާއްވާފައިވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާލުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ފަލަސްތީންގެ ރައްޔިތުންނާއެކު ދިވެހި ތިބިކަން އެންގުމުގެ ގޮތުން "އަހަރުމެން ފަލަސްތީީނާއެކު - ގައުމީ ބޮޑު އެއްވުން" ނަމުގައި މާލޭގައި އެއްވުން ބޭއްވީ އާޓިފިޝަލް ބީޗުގައެވެ. އެ ހަރަކާތްތައް ބާއްވާފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިސްނަގައިގެންނެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގެ ތެރެއިން އައިއޭސީން ވަނީ ފަލަސްތީނުގެ ހާލަތު ކިޔައިދީ، އެ މީހުންނަށް އެހީވުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައެވެ. އަދި ފަލަސްތީނުގެ ތާރީހާއީ ފަލަސްތީން-އިޒްރޭލް ހަނގުރާމައިގެ ތާރީހު ކިޔައިދީފައިވާއިރު، ހަރަކާތް ނިންމާލާފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް އެދި ކުރި ހާއްސަ ދުއާއަކުންނެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު މަޝްރަހު ގޯސްވެ ހަނގުރާމަ ފަށާފައިވާ އިރު، ދެބައި މީހުންވެސް ގެންދަނީ ހަމަލާ ބަދަލުކުރަމުންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 1،400 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، 7000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި 338،000 މީހުން މަގުމަތިވެފައިވާ ކަމަށް އދ. އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިޒްރޭލުން ވަނީ ގާޒާއިން ކަރަންޓު ކަނޑާލައި ފެނާއި ކާބޯތަކެއްޗާއި އަސާސީ ތަކެތި ވެއްދުން މަނާކޮށްފައެވެ. ގާޒާއިން ކަރަންޓު ކަނޑާލުމާއެކު އެތަނުގައި ހުންނަ އަމިއްލަ އިންޖީނު ގެއަކުން ވަނީ ކަރަންޓު ދީފައެވެ. ނަމަވެސް އެ އިންޖީނު ގެއިން ތެޔޮ ހުސްވެ ރޭ ދަންވަރު ގާޒާއިން އެއްކޮށް ވަނީ ކަރަންޓު ކެނޑިފައެވެ.