އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމާއި ހުރިހާ މުސްލިމުންނަކީ އުހުއްވަތްތެރި ބަޔަކަށްވާއިރު، މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެ މީހުންނަށް އެހީތެރިވުމަކީ މުސްލިމް އުއްމަތުގެ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ފަލަސްތީނާއި އިސްލާމީ އުއްމަތް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ފަލަސްތީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާ ގުޅި ލާމެހިފައިވާ ބިމެއް ކަމަށާއި އެއީ ﷲ ތައާލާ ބަރަކާތް ލައްވައި، މާތްކުރައްވާފައިވާ ބިމެއް ކަމަށެވެ. އަދި އެންމެ ގިނަ ނަބީ ބޭކަލުން އެ ބިމެއްގައި އުފަންވެވަޑައިގަތް އަދި އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިމަކީ އެއީ ކަމަށާއި އެއީ ކީރިތި ރަސޫލާއާއިގެން އެ ބިމަކަށް އިސްރާ ކުރެވުނު މުގައްދަސް ބިން ކަމަށާއި ކީރިތި ރަސޫލާ މަތިވެރިވެގެންވާ މިއުރާޖުގެ ދަތުރުފުޅު ފެއްޓެވީ އެ ބިމުގައި މަސްޖިދުލް އަގްސާއިން ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، އެ ދަތުރުފުޅުގައި އެންމެހައި ނަބީ ބޭކަލުންނާއިގެން ކީރިތި ރަސޫލާ މަސްޖިދުލް އަގްސާގައި ނަމާދު ކުރެއްވި ކަމަށާއި އިސްރާއާއި މިއުރާޖުގެ އެ ދަތުރުފުޅުން މުސްލިމުންގެ ފުރަތަމަ ގިބުލަ އަލްމަސްޖިދުލް އަގްސާއާއި ދެވަނަ ގިބުލަ ކައުބަތުﷲ ގެފުޅާ ހުރި ގުޅުން އަންގައިދޭ ކަމަށެވެ.
ހުތުބާގައި ބުނީ، ފަލަސްތީނާއި ގުދުސަކީ، ޔަހޫދީންނަށް ދެއްވުމަށް، ﷲ ވައުދުވެވޮޑިގެންފައިވާ ބިމެއް ކަމަށް ދައުވާ ކުރާ ޔަހޫދީން ނަސްލު ނައްތާލުމުގެ ޝިއާރުގެ ދަށުން ފަލަސްތީނުގެ އަހުލުވެރިންނާ ދެކޮޅަށް ޖަރީމާތައް ހިންގަމުން އައީ އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުން ކަމުގައި ދައުވާކުރާ ހުޅަނގާއި ދުނިޔޭގެ ދެފުށް ދެގޮތް ސިޔާސަތު ގެންގުޅޭ ބޮޑެތި ބާރުތަކުގެ ހިމާޔަތުގައި ތިބެގެން ކަމަށެވެ. އަދި ފަލަސްތީނުގެ ބިމުގައި ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ދައުލަތެއް އުފައްދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ހުޅަނގާއި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެ ބިމުން މުސްލިމުންގެ ވަސްވެސް ފޮހެލުމަށް ކަަމަށެވެ. އަދި ސުލައިމާނުގެފާނުގެ ބިނާ ހޯދުމުގެ ނަމުގައި މަސްޖިދުލް އަގުސާގެ ދަށުން ޔަހޫދީން ކޮންނަމުންދާ ބިންގަރާސްތަކަކީ ނުރައްކާތެރި ޖަރީމާއެއް ކަމަށް ބުންޏެވެ.
އޭގެ ހަގީގީ ބޭނުމަކީ އެ ނަމުގައި މަސްޖިދުލް އަގްސާގެ ދަށުގައި ފައްޅިތަކެއް އެޅުން ކަމަށާއި މިހާރު އެ ފެށީ މަސްޖިދުލް އަގްސާ ބިމާ ހަމަކޮށްލުމުގެ މަޝްރޫއު ކަމަށާއި ދެން ފަށާނީ މައްކާއާއި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ނައްތައިލުމުގެ މަޝްރޫއު ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، އަދުއްވުންނާ ކުރެވުނު ހަނގުރާމަތަކުގައި މުސްލިމުންނަށް ނަސްރު ލިބިފައިވަނީ ހަނގުރާމަވެރިންގެ އަދަދާއި ވަސީލަތްތައް ގިނަވެގެން ނޫން ކަމަށާއި ނަމަވެސް އެބައިމީހުން ﷲ ތައާލާއަށް ބަރޯސާވެ، ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފައިގެން ކުރިއަށް ދިއުމުން ކަމަށެވެ. އަދު އެންމެ އަސާސީ ހައްގުތަކުން މަހުރޫމު ކުރެވި، އަނިޔާ ލިބި، އަމިއްލަ ބިން ފޭރިގަނެވިފައިވާ މުސްލިމުން އެބައިމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީއަތާއި ބައިނަލްއަގުވާމީ ގާނޫނުތަކުގައިވެސް އެބައިމީހުންނަށް ލިބިގެންވާ ހައްގެއް ކަމަށް ބުންޏެވެ.