އެމްޕީ ރޮޒެއިނާ އާދަމް

މަޖިލީހުގެ ރައީސްކަމަށް އަޅުގަނޑުގެ ވެސް ޝައުގުވެރިކަން އެބަހުރި: ރޮޒެއިނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޝައުގުވެރިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާގެ އިތުރުން މިހާތަނަށް މަޖިލީހުގެ ރައީސްކަމަށް ފަސް ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މުހައްމަދު އަސްލަމާއި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީ އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ އަފީފެވެ. އެބޭފުޅުންގެ ތެރެއިން ޖާބިރު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް މިފަހަރުގެ މަޖިލިސް އިންތިހާބުގައި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.

ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ހުރި ނަމަވެސް، އެކަހަލަ ކަންތައްތަކަކީ ޕާލަމަންޓަރީ ގްރޫޕުން ނިންމާ ކަންތައްތައް ކަމަށެވެ.

"މަޖިލީހުގެ ރައީސްކަމަށް އަޅުގަނޑުގެ ވެސް ޝައުގުވެރިކަން އެބަހުރި. އެހެންނަމަވެސް އަޅުގަނޑުމެންގެ އެކަހަލަ ކަންތައްތައް ނިންމާނީ، ޕާލަމަންޓަރީ ގްރޫޕުގެ ނިންމުމަކުން،" އޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ މިފަހަރަކީ ރައްޔިތުންގެ މަޖިލީހުގައި އެންމެ އަންހެނުން މަދަ ފަހަރު ކަމަށާއި އެމްޑީޕީން އަބަދުވެސް ވާހަކަދައްކަމުންދަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ކަމަށެވެ.

"ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ވެސް އެންމެ އަންހެނުން މަދު ފަހަރު މިއީ. އަޅުގަނޑުމެން ސަރުކާރަށް އައި އިރުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ވެސް އަންހެނުން ބާރުވެރި ކުރުވުން އެބައޮތް. އެގޮތުން މިހާރު، މިވަގުތު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ވެސް އެބައޮތް 33 ޕަސަންޓް ކައުންސިލްތަކުގައި އަންހެނުންނަށް ހިއްސާ ދޭގޮތަށް،" އޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އެހެންކަމުން މިއީ އަންހެނަކު މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާން ރަނގަޅު ވަގުތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.