އިބްރާހިމް ޒަކީ
މިފްކޯއިން ނެގި 150 މިލިއަން ރުފިޔާގެ ލޯނަކާއި ފެނަކައިން ނަގާފައިވާ 200 މިލިއަން ރުފިޔާ ލޯނަކާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މެންބަރުންނާ ހިއްސާކޮށްފިއެވެ.
ސަރުކާރުން ގެެރެންޓީ ދީގެން މިފްކޯއިން ލޯނު ނަގާފައިވަނީ، ހަބީބް ބޭންކުންނެވެ. ފެނަކައިން ލޯނު ނަގާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ.
މީގެ އިތުރުން ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ ފަރާތުން ސަރުކާރަށް ލިބިފައިވާ އިތުރު ހިލޭ އެހީއާއި ލޯނާ ބެހޭ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.
އޭގެ ތެެރެއިން އެއް މުއާމަލާތަކީ 52.8 މިލިއަން ޑޮލަރުގެ މުއާމަލާތެކެވެ. ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާއިން ސައުތް ވެސްޓް އިންޑިއަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކޮށްފައިވާ މި މުއާމަލާތުގައި ހިމެނެނީ ހިލޭ އެހީގެ 26.4 މިލިއަން ޑޮލަރާއި ލޯނުގެ ގޮތުގައި ދިން 26.4 މިލިއަން ޑޮލަރެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 0.8 ޕަސެންޓެވެ.
އޭގެ އިތުރުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ކޮންޓިޓިއުނަސް އެންޑް ގްރޯތް ޕްރޮޖެކްޓަށް އައިޑީއޭ އިން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 7.5 މިލިއަން ޑޮލަރާއި 7.5 މިލިއަން ލޯނާއެކު ޖުމުލަ 15 މިލިއަން ޑޮލަރުގެ މައުލޫމާތުވެސް ވަނީ މަޖިލީހާ މިއަދު ވަނީ ހިއްސާކޮށްފައެވެ. އެ ދެ ލޯނަކީވެސް 2063 ވަނަ އަހަރުގެ ނިޔަލަށް ދައްކާ ގޮތަށް ނަގާފައިވާ ދެ ލޯނެވެ.