ފުލުހުންތަކެއްގެ މައްޗަށް ކުރާ ޓޯޗާގެ އަމަލެއް ހިންގުމުގެ ދައުވާ މުރާޖާ ކޮށްދެވެން ނެތް ކަމަށް ދައުލަތުން ބުނެފިއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލައެއްގެ ތުހުމަތައް ދައުލަތުން ވަނީ 15 ފުލުހެއްގެ މައްޗަށް ޓޯޗާގެ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެވެ.
ކުރިމިނަލް ކޯޓުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
މިއަދު ކުރިމިނަލް ކޯޓުން ބޭއްވި އެ މައްސަލައިގެ އަޑުއެހުމަކީ މައްސަލަ ބެލި ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވާފައިވާތީ، އެ މައްސަލަ ގާޒީ އާމިނަތު އަޒްލިފާއާ ހަވާލުކުރިކަން އަންގަން ބޭއްވި އަޑުއެހުމަކާއި އިޖުރާއީ ގޮތުން އެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު ބެލުމަށް ބޭއްވި އަޑުއެހުމެކެވެ.
އެކަންކަން ސާފުކުރުމަށްފަހު ގާޒީ އަޒްލިފާ ވަނީ ދައުވާ ލިބޭ ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެވެ. އެ ފުރުސަތުގައި ދައުވާ ލިބޭ ފަސް މީހެއްގެ ދިފާއީ ވަކީލު ކަމަށްވާ މުހައްމަދު ނިޝާން ވަނީ، ދައުވާއަކީ ފުލުހުންތަކެއްގެ މައްޗަށް ކުރާ ދައުވާއަކަށް ވާތީ އަލުން އެ މައްސަލަ މުރާޖާ ކުރުމަށް ދައުލަތުގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި 15 ފުލުހުންގެ މައްޗަށް ދައުވާކުރީ ހެކި ހުރެގެން ކަމަށެވެ.
"ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރެގެން ދައުލަތުން ދައުވާ ކޮށްފައި މިވަނީ، އެހެންވީމާ ދައުލަތުން ނުދެކެން އަލުން މި މުރާޖާ ކުރަން ޖެހޭނެ ކަމަކަށް،" ދައުލަތުން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ އޭނާގެ ބައެއް މުވައްކިލުންނަށް ދައުވާ ކޮށްފައިވަނީ ހޫނު ފެން ޖެހި އިރު އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި ބައެއް ކަންކަން ސާފުވެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިފާއީ ވަކީލު އިބްރާހީމް ރަމީޒް ވިދާޅުވީ ބަންދަށް ގެނައި މީހެއްގެ ގަޔަށް 15 ފުލުހަކު ހޫނުފެން ޖެހުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. އެކަން ހިނގައިދިޔަ ވަގުތު މާފަންނު ޕޮލިސް ސްޓޭޝަންގައި ޑިއުޓީއަށް ތިބި ފުލުހުންގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އެ މައުލޫމާތު ނުލިބި ހެކި ހުށަހެޅުމަށާއި ދައުވާއިން ދިފާއުވާން ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައުލޫމާތު ލިބުމުން ހާދިސާ ހިނގިވަގުތު ދައުވާ ލިބޭ ފުލުހުން ތިބި ތަން ވެސް ސާފުވާނެ ކަމަށް އިބްރާހީމް ރަމީޒު ވިދާޅުވިއެވެ.
"މީ ވަރަށް ގަބޫލުނުކުރެވޭ އެހެން ކަހަލަ ކަމެއް 15 ފުލުހުންތޯ ހޫނު ފެން ޖެހީ،" އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.
މި މައްސަލައަކީ ގިނަ އަދަދެއްގެ ފުލުހުންގެ މައްޗަށް ކުރާ ދައުވާއަކަށްވެފައި އަދި އޭގެ ތެރެއިން ބައެއް މީހުން މާލެއިން ބޭރުގައި ތިބުމުން ނިޝާން ވަނީ ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތަވާލެއް ދިނުމަށް ގާޒީ އަރިހުން އެދިވަޑައިގެންފައެވެ. އެއިރުން ކޯޓަށް ހާޒިރުވާން އެ ފުލުހުންނަށް ފަސޭހަވެގެންދާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުންގެ މައްޗަށް ދައުވާކުރާތީ އެއް ފަހަރާ ހުރިހާ މީހުން ކޯޓަށް ހާޒިރުވުމުގައި ދަތިކަމެއް ހުންނަ ކަމަށެވެ. އެހެންކަމުން ކޯޓަށް ހާޒިރުވާ ތަރުތީބުން އެ މީހެއްގެ މައްސަލަ ބެލުމަށްފަހު، ދައުލަތުން އެ މީހުންނާ ދެކޮޅަށް ހުށަހަޅާ ހެކިންގެ ހެކިބަސް ދައުވާ ލިބޭ ހުރިހާ މީހުންގެ އެއް ހާޒިރެއްގައި ނެގުމަށް ދައުލަތުން ވަނީ އެދިފައެވެ. އަދި ދައުލަތުން ވެސް ވަނީ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދިނުމަށް އެދިފައެވެ.
ނަމަވެސް ގާޒީ ވިދާޅުވީ މިހާރުން މިހާރަށް މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ނުދެވޭނެ ކަމަށެވެ. ނަމަވެސް މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ފަހުން ރައްދުކޮށްދޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއުގެ ފަރާތުން ދައުލަތަށް އަދި ދައުލަތުން ދިފާއަށް ލިބެންޖެހޭ ބައެއް ލިޔެކިޔުންތައް ލިބިފައިނުވާތީ ގާޒީ ވަނީ މަދުވާ ލިޔެންކިޔުންތަކުގެ ތަފުސީލު ކޯޓަށް ފޮނުވުމަށް އަންގަވައިފައެވެ.
މި މައްސަލަ ބައްލަވަނީ އަމިނަތު އަޒްލިފާއެވެ.