ޚަބަރު

ފަހި ދިރިއުޅުމުގެ ހަ ޓަވަރެއްގެ ކޮންސްޓްރަކްޝަން ނިމިއްޖެ، ހަތަރު ޓަވަރެއްގެ ފިނިޝިން ކުރިއަށްދަނީ

މުހައްމަދު އިޝާން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރަތްކުރަމުންދާ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްސީޑީ) އިން ބުނެފިއެވެ.

އެ ކުންފުނީގެ އޮފިޝަލަކު "ވަން" މިއަދު ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާ ހަ ޓަވަރުގެ ތެރެއިން ހަތަރު ޓަވަރެއްގައި މިހާރު ކުރަމުންދަނީ ފިނިޝިން މަސައްކަތް ކަމަށެވެ. ފިނިޝިން މަސައްކަތުގެ 60 ޕަސަންޓު ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

"ޓަވަރުތަކުގެ ތެރެއިން ހަ ޓަވަރެއްގެ މަސައްކަތް ވަނީ ނިމިފަ، އޭގެ ތެރެއިން ހަތަރު ޓަވަރުގެ ފިނިޝިން މަސައްކަތް މިހާރު ކުރަމުންދަނީ" އޮފިޝަލް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުން، އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް މިހާރު އެނގެން ހުންނާނެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 6،208 މީހުންނެވެ. ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 13،000 މީހުންނެވެ.

"ގެދޮރުވެރިޔާ" ސްކީމުން ފްލެޓަށް ޝަރުތުހަމަވާ އެންމެނަށް ފްލެޓް ދޭން ސަރުކާރުން ނިންމާފައިވާ އިރު، ސަރުކާރުން ވަނީ މިދައުރު ނިމުމުގެ ކުރިން ފްލެޓަށް މީހުންނަށް ވަދެވޭނެ ކަމަށް ބުނެފައެވެ.

ގެދޮރުވެރިޔާ ޕްރޮޖެކްޓްގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.