ރައީސް އޮފީސް

ރައީސްގެ އެންވޯއީ ކަމުން ޖާބިރު ވަކިކުރަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރެނީ

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝިއަލް އެންވޯއީ ކަމުގެ މަގާމުން، މަޝްހޫރު ވިޔަފާރިވެރިޔާ އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަމަށް އިންތިޚާބު ވެވަޑައިގެންފައިވާ އަބްދުﷲ ޖާބިރު ވަކިކުރަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

ބައެއް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ސޯލިހުގެ ފަރާތްޕުޅުން އެކަން މިހާރު ވަނީ ޖާބިރަށް އަންގައިފަ އެވެ.

މި ކަމާ ގުޅޭ ގޮތުން "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން އެފަދަ އެއްވެސް ކަމެއް އޭނާއާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ.

"ތިކަހަލަ އެއްވެސް ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް. އަންގަވާފައެއް ވެސް ނެތް." ވަރަށް ކުރުކޮށް ޖާބިރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ، ސްޕެޝިއަލް އެންވޯއީކަމުން ޖާބިރު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެެއްވެސް ހަގީގަތެއް އޮތް ވާހަކައެެއް ނޫން ކަމަށެވެ.

"ރައީސް އެފަދަ ކަމެއް ނިންމަވާފައެއް ނެތް. އަސްލު މިވާގޮތަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި އެބަ އޮވޭ ދައުލަތުގެ އެފަދަ މަގާމެއް އަދާ ނުކުރެއްވޭނެ ކަމަށް. އެހެންވެ މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވާ ހިސާބުން ފެށިގެން އޮޓަމެޓިކުން އެ މަގާމުން ވަކިވެވަޑައިގަންނަވާނެ. އެއީ ރައީސް ކުރައްވާ ކަމެއް ނޫން." ހޫދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ، 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަދައެއް ނުކުރެއްވޭނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟