އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސުޕްއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައެވެ. އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގުޅުން އަންނަ ދައުރުގައި އިތުރަށް ހަރުދަނާ ކުރެވި، އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އުފެދިފައިވާ ގުޅުންތައް ފާހަގަ ކުރައްވައި، ތައުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދީ، އިންސާނީ ވަސީލަތް ބިނާކުރުމަށް ފޯރުކޮށްދޭ އެހީތެރިކަމަށް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ޖެސުޕްގެ ވާހަކަފުޅުގައި ރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެ ގައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މުއިއްޒުގެ ޕްރޯ މޯލްޑިވްސް ހާރިޖީ ސިޔާސަތަށް އޭނާ ވަނީ ތައުރީފު ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނީ 17 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރު، ޖުމްހޫރީ މައިދާނުގައެވެ.