މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

ފައިނުގައި އެއާޕޯޓް ނާޅަން ސަރުކާރުން ނިންމައިފި

ކުރީގެ ސަރުކާރުން ރ. ފައިނުގައި އަޅަން ނިންމި އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފައިނުގައި އަޅަން ނިންމި އެއާޕޯޓް ނާޅަން ނިންމީ މިސަރުކާރުން ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި މިސަރުކާރުން އެއާޕޯޓް އަޅާނެ ރަށްތައް ކަނޑައެޅުމަށް ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދުމަށް ނިންމާފައިވާ ކަމަށާއި ޕްލޭން ހަދާނީ މިނިސްޓްރީތައް ގުޅިގެން ކަމަށް ޒުހެއިރު ވިދާޅުވިއެވެ.

އަދި ޕްލޭން ހެދުމަށްފަހު ސަރުކާރުން އެއާޕޯޓް އަޅާނެ ރަށްތައް އިއުލާންކުރާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވިއެވެ. އެހެންކަމުން ފައިނުގައި ކުރީގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމި އެއްވެސް މަޝްރޫއެއް ދެން ކުރިއަކަށް ނުގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދަން ނިންމި އެއާޕޯޓުގައި 1320 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި 45 މީޓަރު ފުޅާ އޭޕްރަން އޭރިޔާއަށް ރަށުގެ ބިމުން 20.8 ހެކްޓަރު ބިން ނަގަންޖެހެއެވެ.

އެހެންވެ ބިމުގައި 59 ހެކްޓަރު އޮތް ފައިނުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައި އިދާރާތަކަށް ކަންބޮޑުވުން ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ.