ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އިޒްރޭލްގައި ކުޅެން އޮތް މެޗުތައް ޔޫއެފާއިން ފަސްކޮށްފިއެވެ.
އަނިޔާވެރި އިޒްރޭލުން ފަލަސްތީނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ މި ދަނޑިވަޅުގައި، ފަލަސްތީނުން ވަނީ އިޒްރޭލްގެ އަނިޔާވެރި ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލައިފައެވެ. މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައިވެސް ހަމަލާތައް ބަދަލުކޮށްފައިވާ އިރު، މިހާތަނަށް ފަލަސްތީނުގެ ހަމަލާތަކުގައި އިޒްރޭލުގެ 700 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒްރޭލްގެ އާންމު މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅުގައި ޔޫއެފާއިން ނިންމާފައި ވަނީ އެގައުމުގައި ކުޅެން އޮތް ޔޫރޯ 2024 ގެ ކޮލިފިކޭޝަން މެޗުތަކުގެ އިތުރުން 21 އަހަރުގެ ދަށުގެ ޔޫރޯ 2025 ގެ ކޮލިފިކޭޝަން މެޗުތައްވެސް ފަސް ކުރުމަށެވެ. އަދި އޭގެ އިތުރުން 17 އަހަރުން ދަށުގެ މިނީ ޓޯނަމެންޓެއްގެ މެޗުތައްވެސް ފަސްކުރަން ޔޫއެފާއިން ނިންމާފައިވެއެވެ.
ޔޫރޯ ކޮލިފިކޭޝަންގައި މިމަހުގެ 12 ވަނަ ދުވަހު އިސޒްރޭލުން އަމިއްލަ ގައުމުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅެން އޮތް އިރު، 21 އަހަރުން ދަށުގެ ޔޫރޯ ކޮލިފިކޭޝަންގައި އިޒްރޭލުން އަންނަ ހަފުތާ ތެރޭގައި ދެމެޗެއް ކުޅެން ފުރަތަމަ ތާވަލުކޮށްފައިވެއެވެ. އެއީ އެސްޓޯނިއާ އާއި ޖަރުމަނާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ.
ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލްގެ އާންމު ހާލަތުން އެ އިދާރާއިން ކައިރިން ބަލަމުންދާ ކަމަށާއި މެޗުތަކަށް ނިންމަން ޖެހޭ ނިންމުންތައް ހާލަތަށް ބަލައި ނިންމަމުންދާނެ ކަމަށެވެ. އިޒްރޭލުގައި ކުޅެން އޮތް މެޗުތައް ފަސްކުރި ނަމަވެސް، އެގައުމުގެ ގައުމީ ޓީމުން ޔޫރޯ ކޮލިފިކޭޝަންގައި ކޮސޯވޯއާ ދެކޮޅަށް، ރަށުން ބޭރުގައި ކުޅެން އޮތް މެޗު ކުރިއަށްދާނެ ކަމަށް ޔޫއެފާއިން ބުންޏެވެ.