ޔޫއެފާ

މުސާރަ ބޮޑެތި ކުޅުންތެރިން މެޗު ގިނަވެގެން ޝަކުވާ ކުރާތީ ޗެފެރިން ރުޅިގަދަވެއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި، މުސާރަ ބޮޑެތި ކުޅުންތެރިން މެޗު އަދަދު ގިނަވެގެން އެކަމާ ޝަކުވާކުރުން ބަލައިނުގަނެވޭނެ ކަމަށް ޔޫއެފާގެ ރައީސް، އެލެކްސެންޑާ ޗެފެރިން ވިދާޅުވެއްޖެއެވެ.

އަހަރުގެ ފުޓުބޯޅަ ކަލަންޑަރު މާ ބޮޑަށް ފުލްވެ، ކުޅުންތެރީންނަށް ބުރަ ބޮޑުވާ މައްސަލައިގައި ވަރަށް ގިނަ ކުޅުންތެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ. ހާއްސަކޮށް ފީފާއިން އަލަށް ތައާރަފުކުރި އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕާއި ޔޫއެފާއިން ޔޫރަޕްގެ ފުޓުބޯޅަ މުބާރާތްތަކަށް ގެނައި ބަދަލާއެކު ކްލަބު ފުޓުބޯޅައިގެ ކަލަންޑަރު ބައެއް ކްލަބުތަކަށް ވަރަށް ބޮޑަށް ދިގުލައިގެންދާކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ދާދިފަހުން މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ބުނީ ކުޅުންތެރީން ހަޅުތާލަށް ދާވަރު ވެއްޖެ ކަމަށެވެ. އެ ބުނުމަށް ރެއާލް މެޑްރިޑްގެ ޑެނީ ކަވަހާލާއި ތީބޯ ކޯޓުއާވެސް ތާއީދުކޮށް ވާހަކަ ދެއްކިއިރު، ޕެޕް ގާޑިއޯލާވެސް ވަނީ އެކަމަށް ހިތްވަރުދީ ވާހަކަ ދައްކައިފައެވެ.

"މިހާރު ފުޓުބޯޅަ ކަލަންޑަރު އޮތީ ފުލްވެފައިކަން އަހަންނަށްވެސް އެނގޭ. އެހެންވިޔަސް އެކި ކްލަބުތަކަށް ހާލަތު ތަފާތުކަން ވިސްނަން ޖެހޭނެ. ބައެއް ކްލަބުތަކުން އަދިވެސް އިތުރު މެޗުތަކެއް ކުޅެން ބޭނުންވޭ. އެއީ ފައިސާގެ ހާލަތުވެސް ތަފާތުވުމުން،" ޗެފެރިން، ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަންގެ އާއްމު ބައްދަލުވުމުގައި ވިދާޅުވިއެވެ.

"މެޗުތައް ގިނައިން ކުޅެން ޖެހޭ ޓީމުތަކުގެ ދިފާއުގައި އަހަރެން މީގެ ކުރިންވެސް ބުނި ވާހަކަ ބުނަން ބޭނުންވޭ. އެއީ އެ ޓީމުތަކަށް ދެން މެޗުތައް ކުޅޭނެ ޖާގައެއް ހަގީގަތުގައި ނެތް. އެހެންވިޔަސް ދުނިޔޭގެ އެންމެ މުސާރަ ބޮޑެތި ކުޅުންތެރިން އެކަމުގެ ޝަކުވާކުރުން ބަލައެއް ނުގަނެވޭ. އެ ޓީމުތަކުގެ ސްކޮޑުގައި ފެންވަރު ރަނގަޅު 25 ކުޅުންތެރީން ހިމެނޭ. މުސާރަ ދަށް ކުޅުންތެރީންގެ ޓީމުތަކުން އެ ޝަކުވާއެއް ނުކުރޭ. އެ ކުޅުންތެރިން ކުޅެން ބޭނުންވޭ،" ޗެފެރިން އިތުރަށް ވިދާޅުވިއެވެ.

ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަންގެ ޗެއާމަން، ޕީއެސްޖީގެ ރައީސް ނަސީރު އަލް-ހެލައިފީ ވިދާޅުވީ މެޗު ކަލަންޑަރުގެ މައްސަލައަށް ހައްލު ގެންނަން ހުރިހާ އެންމެން އެއްކޮށް އެއް މޭޒެއްގައި އިށީންނަން ޖެހޭ ކަމަށެވެ. ހާއްސަކޮށް މުސާރަތައް އިތުރުވެ، ކްލަބުތަކަށް ފައިދާ ބޮޑުކުރަން ޖެހޭ ހާލަތެއްގައި ކުޅުންތެރިންނަށް މެޗުތައް ކުޅެން ދެކޮޅު ހެދޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކަށް ބަޔާން މިއުނިކްގެ ޝީފް އެގްޒެކެޓިވް، ޖޯން-ކްރިސްޓިއަން ޑްރީސެންވެސް ތާއީދުކޮށް، ކުޅުންތެރިން ހަޅުތާލަށް ގޮވާލި ގޮވާލުމަށް ފާޑު ވިދާޅުވެފައިވެއެވެ.