ފަލަސްތީނުގެ ހަނގުރާމަވެރިން އިޒްރޭލަށް އިއްޔެ ދޭން ފެށި ވަރުގަދަ ހަލަމާތަކަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްމޫން ސާބަސް ވިދާޅުވެއްޖެއެވެ.
ފަލަސްތީނާއި، އިޒްރޭލާ ދެމެދު އިއްޔެ ބަދަލުކުރަން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ވަނީ 500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އަލްޖަޒީރާއިން މައުލޫމާތު ދެއެވެ. އެގޮތުން މިހާތަނަށް 300 އަށްވުރެ ގިނަ އިޒްރޭލްގެ ރައްޔިތުން މަރުވެފައިވާ އިރު، 256 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ބުނެފައިވެއެވެ. ހަމާސްއިން ވަނީ އިޒްރޭލުގެ ބައެއް ސިފައިންތައް އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް އަނބުރާ ހޯދުމަށްޓަކައި ފަލަސްތީނުގެ ހިތްވަރު ގަދަ މުޖާހިދުން އިއްޔެ، އޮކްޓޫބަރު 7 ގައި އާހިތްވަރަކާއެކު ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރާ" ކަމަށެވެ.
ރައީސް މައުމޫންގެ އިތުރުން ރައީސް ސޯލިހު ވެސް މިއަދު ވަނީ ފަލަސްތީނާއެކު ތިއްބެވިކަން ހާމަކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ. ރައީސް ވިދާޅުވީ އިޒްރޭލުން، ޕަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ. އަދި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ ކަމަށާއި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާއި އެގައުމުގެ ރައްޔިތުންނާއެކު ކަމަށެވެ.
"ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާ، އެ ގައުމުގެ ރައްޔިތުންނާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ. އިޒްރޭލުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ފަލަސްތީނުގައި ސުލްހަ ގާއިމްކުރެވެން އޮތް ގޮތަކީ ފަލަސްތީނާއި އިޒްރޭލަކީ ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރޭ ވަނީ ފަލަސްތީނަށް ތާއީދުކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ. އެ ޓުވީޓުގައި މުއިއްޒު ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ފަލަސްތީނަށް އަނބުރާ ހަވާލުކުރުމަށް ގޮވާލައްވައިފައެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިޒްރޭލުން ބަލައިގަނެ، 1967 ވަނަ އަހަރުގެ ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭންޖެހޭ މުއިއްޒު ވަނީ ގޮވާލައިފައެވެ.