ޚަބަރު

އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރަން، ރާއްޖެ އޮންނާނީ ފަލަސްތީނާއެކު: ރައީސް

މުހައްމަދު އިޝާން

ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށާއި އިޒްރޭލުން، ޕަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ ކަމަށާއި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާއި އެގައުމުގެ ރައްޔިތުންނާއެކު ކަމަށެވެ.

"ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާ، އެ ގައުމުގެ ރައްޔިތުންނާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ. އިޒްރޭލުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ފަލަސްތީނުގައި ސުލްހަ ގާއިމްކުރެވެން އޮތް ގޮތަކީ ފަލަސްތީނާއި އިޒްރޭލަކީ ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރޭ ވަނީ ފަލަސްތީނަށް ތާއީދުކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ. އެ ޓުވީޓުގައި މުއިއްޒު ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ފަލަސްތީނަށް އަނބުރާ ހަވާލުކުރުމަށް ގޮވާލައްވައިފައެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިޒްރޭލުން ބަލައިގަނެ، 1967 ވަނަ އަހަރުގެ ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭންޖެހޭ މުއިއްޒު ވަނީ ގޮވާލައިފައެވެ.

ފުރަތަމަ ހަމަލާދީފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުންނެވެ. ހަމާސްއިން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގެ ސަބަބުން ވަނީ 100 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އެކަމުގެ ބަދަލުގެ ގޮތުގައި އިޒްރޭލުން، ދިން ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ފަލަސްތީނާއި، އިޒްރޭލާ ދެމެދު އިއްޔެ ބަދަލުކުރަން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ވަނީ 500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އަލްޖަޒީރާއިން މައުލޫމާތު ދެއެވެ. އެގޮތުން މިހާތަނަށް 300 އަށްވުރެ ގިނަ އިޒްރޭލްގެ ރައްޔިތުން މަރުވެފައިވާ އިރު، 256 ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ހަމާސްއިން ވަނީ އިޒްރޭލުގެ ބައެއް ސިފައިންތައް އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.