ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ)ގެ ހާއްސަ ދައުވަތަކަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
އެ ދަތުރުގައި ފިނޭންސް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ އަދާލަތުގެ ނައިބު ރައީސް، އަހުމަދު ޝަރީފްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުންޏެވެ.
އިމްރާނާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ޔުމްނާ ފިއްލަވައިގެން ތުރުކީއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި "ދިޔަރެސް" ނޫހުން ރިޕޯޓްކުރިއެވެ. ނަމަވެސް އެކަން އޭނާ ވަނީ ދޮގުކުރައްވައިފައެވެ.